ސްރީލަންކާގައި ދިވެހިން ދިރިއުޅޭ ގެއެއްގެ ތެރެ ބަލާ ފާސް ކުރި އިރު އެގޭ ތެރޭގައި ދިރިއުޅޭ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖެއް ގެންގުޅުނު އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ހާލު އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބަލަމުން ދާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުން ދާ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ދިވެހިންގެ ތެރެއިން ދޫކޮށްނުލާ ހިފަހައްޓާފައި ތިބީ ދެ މީހުންނެވެ. އެއީ އާދަމް މަނިކު (ފުނަމާ) އާއި ހަސަން މަނިކު (ބައިކެނޑި) އެވެ. އެ ދެމީހުންގެ ބަންދަށް މައުންޓްލަވީނިއާ ކޯޓުން ވަނީ 13 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އެދެމީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

އެދެމީހުންގެ ބަންދާ ބެހޭގޮތުން ފޮރިން މިނިސްޓްރީއިން ބުނީ، އެމީހުންނަށް ދައުވާ ކޮށްފާނެތޯ ނޫންތޯ ބުނަން ނޭނގޭ ކަމަށެވެ. އަދި އެ ދެމީހުންގެ ބަންދާ ބެހޭ ކަންކަމަކީ ލަންކާގެ ކަމާބެހޭ ފަރާތްތަކުގެ އަތްމަތީގައި އޮތް ކަމެއް ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

މި ދެމީހުންގެ އިތުރުން ވެސް ލަންކާއިން ހަތަރު ދިވެއްސަކު ހައްޔަރު ކޮށްފައި ވެއެވެ. މި ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ ލަންކާގެ ސަލާމަތީ ބާރުތަކުން ގެތައް ބަލާ ފާސް ކުރަމުން ދިޔަ ދިޔުމެއްގައި އެމީހުން ދިރިއުޅޭ ތަނުން ހަތިޔާރެއް ފެނިގެންނެވެ. އެކަމަކު އެ ހަތަރު މީހުން މިހާރުވަނީ ދޫކޮށްލާފައެވެ.