މިމަހު 21 ވަނަ ދުވަހު އަވައްޓެރި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެއާ ރައިފަލްއާ އެކު ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފިއެވެ.

މި ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ ނިގަންބޯގެ ލަޔަން ސިޓީ އިންނެވެ. ހައްޔަރު ކުރި ހަތަރު މީހުންނަކީ ފްލައިޓް އިންޖީނީއަރިން ކިޔަވަމުން ދިޔަ ހަތަރު ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުދިން ހައްޔަރު ކޮށްފައި ވަނީ ލަންކާގެ ސަލާމަތީ ބާރުތަކުން ގެތައް ބަލާ ފާސް ކުރަމުން ދިޔަ ދިޔުމެއްގައި އެކުދިން ދިރިއުޅޭ ތަނުން ހަތިޔާރެއް (އެއާ ރައިފަލް) ފެނިގެންނެވެ.

މި ހަތަރު މީހުންގެ އިތުރުން ލަންކާ ފުލުހުން ހައްޔަރު ކުރި ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތަށް މައުންޓް ލެވީނިއާ ކޯޓުން ވަނީ 13 ދުވަސް ޖަހާފައެވެ. އެ ދެ ދިވެހިން ހައްޔަރު ކޮށްފައިވަނީ ގެއެއްގެ ތެރެ ބަލާ ފާސް ކުރި އިރު އެގޭ ތެރޭގައި ދިރިއުޅޭ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖެއް ގެންގުޅުނު އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ މައުލޫމާތު ހުރި ފޮތެއް ފެނިގެންނެވެ.

މިއަދު ދޫކޮށްލި ހަތަރު މީހުންނާ ހަވާލުވާން މިއަދު ކޯޓަށް ދިޔުމަށް އެމީހުންގެ އާއިލާތަކަށް ރާއްޖޭގެ އެމްބަސީއިން ވަނީ އަންގާފައެވެ.