ރާއްޖޭގައި މިހާތަނަށް ބޭނި އެންމެ ބޮޑު ތުތި ބޯވަދިލަމަސް ހުޅުމާލެ ކައިރިން ބާނައިފިއެވެ. މި މަސް ބާނައިފައި ވަނީ ތުތި ބޯވަ ދިލަމަސް ބޭނުމުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ މުހައްމަދު ޖަމީލް އެވެ. ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި އެ ބޯވަދިލަ މަހުގައި 19.5 ކިލޯ ހުރެއެވެ. އެމަސް މިފްކޯއިން ގަނެފައިވަނީ ކިލޯއަކަށް 180 ރުފިޔާގެ ރޭޓުން 3500 ރުފިޔާއަށެވެ.
މީގެ ކުރިންވެސް މިފްކޯއިން ވަނީ ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންގޮސްފައިވާ ތުތި ބޯވަ ދިލަމަސް ބޭނުމުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހަކު ބާނައިފައިވާ 11.5 ކިލޯގްރާމްގެ މަހެއް ކިލޯއަކަށް 180 ރުފިޔާގެ ރޭޓުން ގަނެފައެވެ.
ތުތި ބޯވަ ދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކޮށް އެ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަން ފެށުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ތުތި ބޯވަ ދިލަމަހުގެ މަސްވެރިކަމަކީ ރާއްޖޭގައި ކުރެވިއްޖެ ނަމަ މަންފާ ލިބޭނެ މަސްވެރިކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ބޭރުގެ ބާޒާރުތަކުގައި ތުތި ބޯވަދިލަމަސް ކިލޯއެއްގެ އަގު އުޅެނީ 15 ޑޮލަރާ 25 ޑޮލަރާ ދެމެދުގެ އަގެއްގައެވެ.