އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅުން އޮތް ގިނަ މީހުން ހައްޔަރުކުރެވި ނުވަތަ މަރާލެވިފައި ވާކަމަށާ، އާންމު މަސްރަހު ހަމައަކަށް އެޅެން މާ ގިނަ ދުވަހެއް ނެތް ކަމަށް ސްރީލަންކާގެ ބޮޑު ވަޒީރު ރަނީލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ކަންމިހެން އޮތް ނަމަވެސް ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ސްރީލަންކާގައި ތަންފީޒު ކުރެވިގެން ދާނެ ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ. އެގޮތުން، ސްރީލަންކާގައި ދީން ކިވައިދެމުންދާ ބިދޭސީ ހުރިހާ އިމާމުން އެގައުމުން ބާލާނެ ކަމަށްވެސް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

ވިކްރަމަސިންހަ ވިދާޅުވީ ޓީޗަރުންގެ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން ސްރީލަންކާގައި ވީސާއެއްވެސް ނެތި ދިރިއުޅެމުންދާ ކަމަށާ، މިކަމާ ބެހޭ ގޮތުން މުސްލިމު ރިލިޖަސް އެފެއާޒް މިނިސްޓްރީއާއި މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމުތަކަށް ނިސްބަތްވާ ދީނީ އިމާމުން ތަކެއްކަން ބޮޑުވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.

ސްރީލަންކާގެ ރައީސްގެ އަމުރުފުޅަކަށް މިއަދުން ފެށިގެން ސްރީލަންކާގައި މޫނު ބުރުގާ އެޅުން ވަނީ މަނާކޮށްފައެވެ.