މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ކަލްމުނާއީ ސަރަހައްދުގައި ހިންގި ބޮން ގޮއްވުމުގެ ހަމަލާގެ ޒިންމާވެސް ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުން އުފުލައިފިއެވެ.

އައިސިސް ޖަމާއަތުން ބުނީ ހުކުރު ދުވަހު ބޮން ގޮއްވާލާފައި ވަނީ، ގައިގައި ގޮވާތަކެތި ހަރުކޮށްގެން ތިބި 3 ފިރިހެނުން ކަމަށާ، އެމީހުން އެ ބޮންތައް ގޮއްވާލާފައި ވަނީ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކަކަށް ފަހުގައި ކަމަށެވެ.

އައިސިސްގެ ޕްރޮޕަގަންޑާ ފެތުރުމަށް ބޭނުންކުރާ އަމަގު ނިއުސް އޭޖެންސީ މެދުވެރިކޮށް އެ ޖަމާއަތުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އަމިއްލަ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ގޮއްވާލާފައިވަނީ އެޖަމާއަތަށް ނިސްބަތްވާ 3 މެމްބަރުން ކަމަށެވެ. އަދި އަމިއްލަ ހަށިގަނޑު ގޮއްވާލީ އެމީހުން އަތުގައި ހުރި އެހެން ހަތިޔާރުތައް ހުސްވެގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކަލްމުނާއީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ހަނގުރާމަވެރިންނާ ސްރީލަންކާގެ ސަލާމަތީ ބާރުތަކާ ދެމެދު ގާތްގަނޑަކަށް ގަޑިއިރެއް ވަންދެން ހަމަލާ ބަދަލުކުރިއިރު، މި ހާދިސާގައި 15 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި ހަމަލާތަކުގައި ލަންކާގެ ސަލާމަތީ ބާރުތަކުގެ އެއްވެސް މެމްބަރެއްގެ ފުރާނަ ގެއްލިފައެއް ނުވެއެވެ.

ކަލްމުނާއީ އޮންނަނީ، މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތައް ރޭވުމުގައި އިސްކޮށް ހުރި ޒަހްރާން ހާޝިމުގެ އުފަން އަވަށް ހިމެނޭ ސަރަހައްދުގައެވެ.