އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތާކުގައި މަރުވި މީހުންގެ އަދަދު 250 އަށް އަރާފައިވާއިރު، މިއިން ކޮންމެ މީހަކީވެސް އާއިލާއެއްގެ މެމްބަރެކެވެ. އެދަރިފުޅަކަށް އުއްމީދުކޮށްގެން ދުއާކޮށް، ބަނޑުގައި ޣަރުބަ ގަތީއްސުރެ އުމުރު ދުވަހަށްވެސް އެ ދަރިފުޅަކަށްޓަކައި ގުރުބާން ވާނެ މަޔަކާ ބަފައެއްވެސް ހުންނާނެތާއެވެ. ދެލޯނޭދި އެދުނު ދަރިފުޅު މި ދުނިޔެއާއި ވަކިވެ، ފަސްދާނުލެވޭ މަންޒަރު ދުށުމަކީ އެތަން ބަލަން ހުންނަ މީހެއްގެ ހިތްވެސް ފަޅައިގެންދާ ފަދަ މަންޒަރެކެވެ. ނަމަވެސް މަރަކީ ކޮންމެ މީހަކާ ބައްދަލުކުރާނެ އެއްޗެކެވެ. އެއަކަށް ވަކި އުމުރެއް ނޯވެއެވެ. މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާގައި 45 ކުޑަކުއްޖެއްގެ ފުރާނަ ގެއްލުނުއިރު، އޭގެ ތެރެއިން ބައެއް ކުދިންގެ މައިންބަފައިން މި ދުނިޔޭގައި އެބަތިއްބެވެ.
ނިގެންބޯގެ ގެއެއްގެ ފެންޑާ މައްޗެވެ. ހުރަހަށް ވާ ގޮތަށް ސަފަކަށް އަތުރާލާފައި ހުރީ ސަންދޯއްތަކެކެވެ. 4 ސަންދޯކެވެ. އެއިގެ ތެރެއިން 3 ސަންދޯކަކީ ކުޑަކުދިންތަކެއްގެ ސަންދޯއްތަކެކެވެ. ބޮމުގެ ހަމަލާތަކުގައި މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި އެއްބަނޑު އެއްބަފާ 3 ބެއިން ކަމަށްވާ، 14 އަހަރުގެ ރާޝިނީ ޕަރުވީޝާއާއި، 9 އަހަރުގެ ޝަލޯމީ ހިމާޔާއާއި އެންމެ 7 އަހަރުގެ ޝަލޯމް ޝަތިސްކާގެ ސަންދޯކެވެ.
އެ މައުސޫމު ކުދިންގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލުމަށް އެ ފެންޑާއަށް ވަންނަ ކޮންމެ މީހެއްގެ ހިތް ފަޅައިގެންދެއެވެ. އެކުދިން ކޮށްފައިވާ ލާނެއް ކަންތައްކާ، އުޅެމުންދިޔަ އުފާވެރި މަންޒަރުތައް އެމީހުންގެ ލޮލު ކުރިމަތީގައި ތަމްސީލުވެގެންދާފަދައެވެ.
ބޮމުގެ ހަމަލާ އަމާޒުވި ބައްޓިކަލޯއާގެ ހާލުވެސް އޮތީ މިފަދަ ގޮތަކަށެވެ. އެއީ އުމުރުން އެންމެ 13 އަހަރުގެ ޖޯން ޖެސޫރާން ޖާޔަރަތުނަމްއެވެ. އޭނާ ހުރީ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެންނެވެ. އާދީއްތަ ދުވަހަކީ ނަސޯރާ ދީނުގެ ހުރިހާ އުމުރެއްގެ މީހުން އެމީހުންގެ ދީނީ ފަތުވާތައް އަޑުއެހުމަށް ޗާޗަށް ދާ ދުވަހެވެ. އެފަދަ ފަތުވާއެއް އަޑުއެހުމަށްފަހު މަންމައާއިއެކު އީސްޓާ ސާވިސަށް ޒިއޯން ޗާޗަށް ދިއުމަށް ހަމަޖެހިފައި އޮތެވެ.
ޒިއޯން ޗާޗަށް ވަނުމުގެ ކުރިން ފެންފޮދެއް ބޯން ބޭނުންވާ ކަމަށް ޖޯން އޭނާގެ މަންމަ ގާތުގައި ބުންޏެވެ. އެއީ އޭނާގެ މަންމައާއި ދެއްކުނު އެންމެ ފަހު ވާހަކައެވެ. ޒިއޯން ޗާޗުގައި ގޮއްވާލި ބޮމުގެ ހަމަލާއިން ޖޯންއަށް ސަލާމަތެއް ނުވެވުނެވެ.
ޗާޗުތަކަށް ދިޔަ ބައެއް މީހުންނާ ހަވާލާދީ މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ބަލާއިރު މިހާ ގިނަ އަދަދަކަށް އަންހެނުންނާ ކުޑަކުދިން މަރުވީ، އެތެރޭގެ ފިނި ހިސާބުތަކުން އެމީހުންނަށް ޖާގަ ދިނުމަށްފަހު ފިރިހެނުން ބޭރު ހިސާބުތަކުގައި ކޮޅަށް ތިބުމުގެ ސަބަބުން ކަމަށެވެ. އަނެއް ޗާޗުތަކުގައި ކުޑަކުދިން މަރުވީ ޗާޗު ކޮއާ ކުރިއަށްދިޔަ ވަގުތު ބޮމުގެ ހަމަލާ ދިނުމުން ކަމަށްވެސް ބުނާ ބަޔަކު އުޅެއެވެ. ނަމަވެސް މިއިން އެއްވެސް ތަފްސީލެއް އަދި ކަށަވަރެއް ނުކުރެވެއެވެ.
އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާގައި މަރުވެދިޔަ ގިނަ ކުޑަކުދިންނަނީ ސްރީލަންކާއިން ސިފަކުރާ ގޮތުގައި އެގައުމުގެ އެންމެ މައުސޫމު ޖީލެވެ. އެ ހަމަލާގައި މަރުވި ގިނަ ކުޑަކުދިންނަކީ ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ބައިބައިވުންތަކާ ފިތުނަވެރިކަން އޮބުނު ފަހުން، އެއްބައިވަންތަކަމުގެ ވެއްޓަކަށް އުފަންވި ކުދިންނެވެ.