ޓެރަރިސްޓް ހަމަލާއެއްގެ އަޑުއިވުމާއެކު މިފަހަކަށް އައިސް ކޮންމެ މީހެއްގެ ހިތަށްވެސް އެންމެ ފުރަތަމަ އަރާނީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ވާހަކައެވެ. އައިސިސް ޖަމާއަތުން ބުނާ ގޮތުގައި އެއީ ޚިލާފަތެކެވެ. އެމީހުންގެ ލީޑަރަކީ "ޚަލީފާ" އަބޫބަކުރު އަލް ބަޣުދާދީއެވެ.

އައިސިސްއާ ގުޅިގެން ތަފާތު ގޮތްގޮތަށް މީޑިއާގައި އަޑުތައް ފެތުރެމުންދާތާ އަހަރުތަކެއް ވެފައި ވާއިރު، އަޒަރުބައިޖާނުގެ ދުވަހު ނޫހެއް ކަމަށްވާ އޭޒީ ވިޝަންއިން ވަނީ ބަޣުދާދީ އާއި ބެހޭ އާދަޔާ ހިލާފު ތުހުމަތުތަކެއް ފެންމަތިކޮށްފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ސިއްރު ލިޔުންތަކެއް ލީކުކޮށްލި އެޑްވަޑް ސްނޯޑަންއާ ހިސާބުން ފެށިގެން އައި ކަމަށް ތުހުމަތުކުރެވޭ މި ވާހަކަތައް ބުނާ ގޮތުގައި ބަޣުދާދީއަކީ، އިސްރާއީލުގެ ޖާސޫސީ އިދާރާ "މޮސާޑު" އިން ތަމްރީނު ކޮށްފައިވާ އެލިއަޓް ޝިމޯން ނަމަކަށް ކިއާ "އެކްޓަރެ"ކެވެ.

ޔަހޫދީ ދެމަފިރިއަކަށް އުފަންވި ޝިމޯންއަކީ މޮސާޑުގެ އޭޖެންޓެއް ކަމަށާ، އޭނާ ތަމްރީނު ކޮށްފައިވަނީ އަރަބި އަދި އިސްލާމީ މުޖުތަމައުތަކާ ދެކޮޅަށް ނަފުސާނީ އަދި ފިކުރީ ގޮތުން ހަނގުރާމަ ކޮށް، ފާރަލުމަށް ކަމަށް އަޒަރުބައިޖާނުގެ ނޫހުން ތުހުމަތުކުރެއެވެ.

އެ ނޫހުން ބުނާ ގޮތުގައި ޝިމޯންގެ އުފަން ނަމަކީ ސައިމަން އެލިއަޓްއެވެ.

އެޑްވަޑް ސްނޯޑަންއާއި އަދިވެސް ބައެއް އެހެން މީޑިއާތަކާ ހަވާލާދީ އޭޒީ ވިޝަންގައި ބުނެފައިވާ ގޮތުގައި، ބަޣުދާދީއަކީ އެމެރިކާގެ ސީކްރެޓް ސާވިސަސްގެ އިތުރުން، އިނގިރޭސިވިލާތާ އިސްރާއީލާ ގުޅިގެން، ޓެރަރިސްޓުންނާ ދެކޮޅަށް ހަމަލާދޭން ޖަމާއަތެއް އުފެއްދުމަށް އެއްބާރުލުން ދިން މީހެކެވެ.

އޭޒީ ވިޝަންއިން އިތުރަށް ވަކާލާތު ކުރީ އީރާނުގެ މީޑިއާ ރިޕޯޓަކާ ހަވާލާދީއެވެ. އީރާނުގެ މީޑިއާއިން ޒަޔަނިސްޓް އޭޖެންޓެއްގެ ގޮތުގައި ފާހަގަކުރީ އަމީރު ދާޝް ނަމަކަށް ކިޔާ މީހެކެވެ. އީރާނުން މި ވާހަކަތަކެއް އާންމު ކުރީ ފޮޓޯއާވެސް އެކީގައި ކަމަށްވެއެވެ. އަމީރު ދާޝްގެ ފުރިހަމަ ތަހުގީގެއް ހިންގިއިރު އޭނާގެ ނަންވެސް ވަންނަނީ އަބޫ ބަކުރު އަލް ބަޣުދާދީގެ ދަށަށް ކަމަށް ވެއެވެ. މޮސާޑު އޭޖެންޓެއްގެ ގޮތުގައި އަމީރު ދާޝްގެ ޒިންމާއަކަށްވީ ޒަޔަނިސްޓުންނަށް ފާރަލައިދިނުމެވެ. އޭނާ ވަގު ނަމެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔައީ އިބްރާހީމް އިބުނު އައްވާދު އިބުނު އިބްރާހީމް އާލް އާލް ބަދްރީ އައްރައްދޫއީ ހުސައިނީ ކަމަށް ވެއެވެ.

އަމާޒަކަށްވީ މުޅި މެދުއިރުމަތީގެ ކޮންޓްރޯލް އިސްރާއީލަށް ނެގުމަށް ހުރަހަކަށް ނޫނީ ނުރައްކަލަކަށް ވެދާނެ ކޮންމެ ގައުމެއް ނެތިކޮށްލުމެވެ. އެކަން ކުރަން ވިސްނާފައި އޮތީ އެގައުމުގެ މަދަނީ އަސްކަރިއްޔާގެ އެންމެ ފުނަށް ދަތުރުކޮށްގެންނެވެ.

ބަޣުދާދީއަކީ އެމެރިކާގެ އެއްބާރުލުން ލިބިފައިވާ އިސްރާއީލުގެ "އުފެއްދުމެއް" ކަމަށް ހެކިދޭ ފޮޓޯއެއްވެސް އޭޒީ ވިޝަންއިންވަނީ އާންމުކޮށްފައެވެ. އެ ފޮޓޯއިން ފެނިގެންދަނީ އެމެރިކާގެ ކުރީގެ ސެނެޓާ ޖޯން މެކެއިންއާއި "ބަޣުދާދީ"، އެއްބަދަލުވުމެއްގައި ތިބެނިކޮށެވެ.

ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދިންކަމަށް ބުނާ އައިސިސްގެ ގުރޫޕު/ފޮޓޯ: ދި އިންޑިޕެންޑެންޓް

އައިސިސްގެ ނުރައްކާ ސޫރިޔާއާއި އިރާގުން ފޮހެލެވިފައި ވާކަން އެމެރިކާއިން އިއުލާންކުރީ މިދިޔަ އަހަރު ނިމެން ދަނިކޮށެވެ. ނަމަވެސް އެކަން އަދި އެހެން ވާން ނެތްކަމަށް ޚުދު އެމެރިކާގެ ދިފާއީ ތަޖުރިބާކާރުންވެސް ގެންދެވީ ވިދާޅުވަމުންނެވެ. އައިސިސްގެ ބާރު ސޫރިޔާއިން ކެނޑުނެއް ކަމަކު އެ ޖަމާއަތުގެ ނުރައްކާ ދުނިޔެއަށް ހައްތަހާ ވަނީ ބޮޑެވެ. އައިސިސް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން ސޫރިޔާއަށް ދިޔަ ކިތަންމެ ބަޔަކު މިހާރު އެމީހުންގެ އަމިއްލަ ވަޒަނަށް ދިއުމަށް ދަނީ އާދޭސް ކުރަމުންނެވެ.

އަބޫ ބަކުރު އަލް ބަޣުދާދީ ކަމަށް ބުނާ ޒަޔަނިސްޓް އޭޖެންޓް (ވ)އާއި އެމެރިކާގެ ކުރީގެ ސެނެޓާ ޖޯން މެކެއިން އެއް ބައްދަލުވުމެއްގައި/ފޮޓޯ: އޭޒީ ވިޝަން

އައިސިސްއާއި ގުޅުނު މީހުން އަމިއްލަ ގައުމުތަކަށް ގެނައުމަކީ ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ބުނަމުން ދަނިކޮށް މުޅި ދުނިޔެ ސިއްސުވާލީ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ބޮމުގެ ހަމަލާތަކުންނެވެ. އެ ހަމަލާތައް ދީފައިވަނީ އައިސިސްއަށް އެއްބާރުލުން ދޭ އަދި ބަޣުދާދީއަށް ބައިއަތުވެސް ހިފާފައިވާ ގުރޫޕަކުންކަން ދޭހަވާ ވީޑިއޯއެއްވެސް ވަނީ އާންމު ވެފައެވެ.

އަބޫ ބަކުރު އަލް ބަޣުދާދީ ކަމަށް އީރާނުން ތުހުމަތު ކުރި މީހާގެ ފޮޓޯ މޮންޓާޖެއް/ފޮޓޯ: އޭޒީ ވިޝަން

އައިސިސްއާއި ގުޅުމަށް ސްރީލަންކާއިން ބަޔަކު ދިޔަ ކަމަށާ އަދި އެމީހުން އެނބުރި އައިސް ގައުމަށް ވަތްކަންވެސް އެނގިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ގާނޫނު އޮތް ގޮތުން އެކަމާ ކުރެވޭނެ މާ ބޮޑު ކަމެއް ނެތުމުން އެމީހުން ހައްޔަރު ކުރެވިފައި ނުވާ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވަނީ އިއުތިރާފުވެ ވަޑައިގެންފައެވެ.