ސްރީލަންކާގައި ހިންގާ ދީނީ ފިކުރުގެ ބައެއް ޖަމާއަތްތަކުގެ ހަރަކާތްތައް ހިންގުން މަނާކޮށް އެ ޖަމާއަތްތައް ހުއްޓާލުމަށް ސްރީލަންކާގެ ރައީސް މައިތްރީޕާލަ ސިރިސޭނާ އަމުރުކުރައްވައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި ސިރިސޭނާ މިއަމުރު ނެރުއްވާފައިވަނީ، ކުށްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މި ގޮތުން ސްރީލަންކާގައި އެ ޖަމާއަތެއްގެ ހަރަކާތްތައް ހިންގުން މަނާކޮށްފައިވާ ޖަމާއަތްތަކުގެ ތެރޭގައި ނޭޝަނަލް ތައުހީދު ޖަމާއަތް (އެން.ޓީ.ޖޭ)އާއި ޖަމާއަތީ މިއްލަތު އިބްރާހީމް (ޖޭ.އެމް.އައި) ހިމެނެއެވެ.

ސްރީލަންކާގެ މަސްރަހުން ލިބިފައިވާ އެންމެ ފަހުގެ އިތުރު ޚަބަރުތަކަށް ބަލާއިރު، މިދިޔަ އާދީއްތަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ އަދަދު، ހޮނިހިރު ދުވަހުގެ އިރުއޮއްސުނުއިރު މިވަނީ 100 އަށްވުރެ މައްޗަށް އަރާފައެވެ. ހައްޔަރުކުރި ބައެއް މީހުންނަކީ، މީގެ ކުރިން އެމީހުން ހިންގާފައިވާ ބައެއް ޖިނާއީ ކުށްތަކަށްވެސް އިއުތިރާފުވި މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތުން ހިންގި އޮޕަރޭޝަނެއްގައި، މީގެ ގަޑިއިރުތަކެއް ކުރިން ނިގެމްބޯ ސަރަހައްދުގެ ޑެޕިއުޓީ މޭޔަރުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިދަނޑިވަޅަކީ ސްރީލަންކާގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅަކަށްވާއިރު، މި ވަގުތު ދޮގު ޚަބަރު ފެތުރުން ކޮންޓްރޯލް ކުރުމަށްވެސް ސްރީލަންކާއިން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގެ ގިނަ ހިދުމަތްތަކެއް އަދިވެސް މެދުކަނޑާލާފައިވާއިރު، ދޮގު ޚަބަރު ފަތުރާ ފަރާތްތަކާ ދެކޮޅަށްވެސް ހަރުކަށިފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ދޮގު ޚަބަރު ފެތުރެއްވިކަމުގެ ތުހުމަތުގައި، ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މަންގަލަ ސަމަރަވީރާ ވަނީ، ކަލުތާރާ ޑިސްޓްރިކްޓްގެ މަޖިލިސް މެމްބަރާ ދެކޮޅަށް ޝަކުވާ ހުށަހަޅުއްވާފައިކަންވެސް ފާހަގަކުރެވެއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މިރޭ 10:00 އިން ފެށިގެން ފަތިހު 04:00 އާއި ހަމައަށް ކާފިއު ތަންފީޒުކުރެވިގެންދާނެއެވެ. ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން މިގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާ ސްރީލަންކާގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ އަސްކަރިއްޔާއާއި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.