މިދިޔަ އާދީއްތަ ދުވަހު ލަންކާގެ އެކި ހިސާބުތަކުގައި ބޮންގޮއްވި މައްސަލައިގައި ގެތައް ބަލާ ފާސްކުރުމުގައި، އައިސްގެ މައުލޫމާތު ހިމެނޭ ފޮތެއް ގެންގުޅުނު ދެ ދިވެހިންގެ ބަންދަށް 13 ދުވަސް ޖަހައިފިއެވެ.

އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތް ގެންގުޅުނީ އެ ގައުމުގައި ޕޮލިޓިކަލް ސައިންސް ކިޔަވަމުން އަންނަ ދަރިވަރެކެވެ. މި ދަރިވަރާއި، އަދި އޭނާއެކު މި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާގެ ބަންދަށް 13 ދުވަސް ޖަހާފައިވަނީ މިއަދު މައުންޓް ލެވޭނިއާ ކޯޓުންނެވެ. މި ދަރިވަރު ހައްޔަރުކުރީ ބޮން ގޮއްވާލި ސަރަހައްދެއް ކަމަށްވާ ނުގެގޮޑާއިންނެވެ. މިއީ ދިވެހިން ވެސް ގިނަ އަދަދަކަށް އުޅޭ ހިސާބެކެވެ.

އައިސްގެ މައުލޫމާތު ހިމެނޭ ފޮތެއް ގެންގުޅުނު މައްސަލައިގައި ދެ ދިވެއްސެއް ހައްޔަރު ކުރިކަމަށް މީގެ ކުރިން މައުލޫމާތު ލިބުނެވެ. އެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހާފައިވަނީ އެ ދެމީހުނަށެވެ.

އައިސްގެ މައުލޫމާތު ހިމެނޭ ފޮތެއް ގެންގުޅުމުގެ ތުހުމަތުގައި ދެ ދިވެއްސަކު ހައްޔަރުކޮށް ދެމީހަކަށް ބަންދުގެ މުއްދަތު ދީފައިވާ އިރު، އިތުުރު ހަ މީހަކު ވެސް ވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެމީހުންގެ ގެއިން މަސްތުވާތަކެތި ފެނިފައިވާއިރު، ފޭކް ލައިސެންސެއްގެ ދަށުން އެމީހުން އެއާ ރައިފަލްއެއް ގެންގުޅުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާތަނަށް އަދި މި މައްސަލައިގައި ކޯޓުން ނިންމި ގޮތެއް ސާފެއް ނުވެއެވެ.