ސްރީލަންކާގައި ބުރުގާ އަޅައިގެން އުޅުން މިހާރު މިވަނީ އުނދަގޫ ކަމަކަށް ވެފައެވެ.
ބޮމުގެ ހަމަލާތަކަށް ފަހު ލަންކާގެ މުސްލިމުން އަދި ލަންކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުން މިވަނީ ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިތަފާތު ކުރުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ދިވެހިން ވެސް ވަނީ އެމީހުންނަށް ދިމާވި ބައެއް ހާދިސާތައް ހިއްސާ ކޮށްފައެވެ.
އެގޮތުން ލަންކާގެ ދެހިވަލަ އާޕިކޯ އިން ދިމާވި ހާދިސާއެއް ދިވެހި އާއިލާއަކުން ވަނީ 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައެވެ. އެ އާއިލާއިން މައުލޫމާތުދޭ ގޮތުން، އެ އާއިލާ ލަންކާގައި ދިރިއުޅޭތާ އެތައް އަހަރެއް ވެދާނެއެވެ. ނަމަވެސް، މި ހާދިސާ ދިމާވި އަންހެން މީހާގެ ދިރިއުޅުން މިހާރު މާލެއަށް ބަދަލު ކުރުމަށް ފަހު ބޮމުގެ ހަމަލާތައް ދިނުމުގެ ކުރިން ލަންކާއަށް ދިޔައީ ޑޮކްޓަރަށް ދެއްކުމަށެވެ. އޭނާ ލަންކާއަށް ކުރަމުންދާ މިދަތުރުގައި އޭނާގެ އަންހެން ރައްޓެއްސަކާ އެކު ދެހިވަލަ އާޕިކޯއަށް ދިޔައީ ބާޒާރު ކުރުމަށެވެ. މި ދެމީހުންނަކީ ވެސް ބުރުގާ އަޅާ ދެމީހުން ކަމުގައި ވިޔަސް މި މީހުންނަކީ ޒަމާނީ ފެޝަނަށް ބުރުގާއަޅާ މީހުންނެވެ. އާޕިކޯއިން އެމީހުންގެ ބުރުގާ ބޭލުމަށް ފަހު ސެކިއުރިޓީ ޗެކެއް ކުރަން ބުނުމުން ލަންކާގެ މިހާރުގެ ހާލަތަށް ވިސްނުމަށް ފަހު އެއްވެސް ޖެހިލުމެއް ނެތި އެމީހުން ބުރުގާ ބޭލުމަށް ފަހު ޗެކް ކުރުމަށް އާޕިކޯގެ ސްޓާފުންނަށް އެއްބާރުލުން ދިނެވެ. ނަމަވެސް، އެ ސްޓާފުން ކަން ކުރީ ހީކުރި ގޮތާ ހިލާފަށެވެ. ދިވެހި މީހާ ކޮށްޕާލުމަށްފަހު ސްޓާފުން ފެށީ ހުތުރު ބަހުން މުއާމަލާތްކޮށް ހަޅޭއްލަވާށެވެ. މުސްލިމުންނަށް ވީތީ އެމީހުންނަށް ބާޒާރުކުރަން އެތެރެއަށް ނުވަދެވޭނެ ކަމަށް ބުނެއެވެ.
ބައެއް މީހުން މިފަދަ ތަފާތުކުރުންތައް ގެންގުޅުނު ކަމުގައި ވިޔަސް، ތަހުޒީބު ވިސްނުން ގެންގުޅޭ މީހުންވެސް ލަންކާގައި އުޅެއެވެ. އާޕިކޯގެ ސްޓާފަކު ދިވެހިންނާއި މިގޮތަށް މުއާމަލާތް ކުރާތަން ފެނި، އެތަނަށް ބާޒާރު ކުރަން ގޮސް ތިބި އެހެން މީހުން ދިވެހިންނާއި ވަރަށް ރީތިކޮށް އިހްތިރާމާއި އެކު ވާހަކަދެއްކިއެވެ. ދިވެހިން އާޕިކޯ ތެރެއަށް ނުވެއްދުމުން އެތަނަށް ދިޔަ އެހެން މީހުން ވަނީ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، އާޕިކޯގެ ސްޓާފުންނަށް މިކަންވެސް ކަމު ނުގޮސްގެން އެހީތެރިވާން އުޅުނު މީހުންނާ ވެސް ހުތުރު ބަހުން މުއާމަލާތްކޮށް މުސްލިމުންނަށް އެހީ ނުވުމަށް ބުންނެވެ. އެވަގުތު އެތަނަށް ގޮސް އުޅުނު ލަންކާގެ ރައްޔިތުން މި ސްޓާފުންނަށް ވިސްނައިދޭން އުޅުމުންވެސް އެމީހުން އެއްބާރުލުން ދީފައެއް ނުވެއެވެ. ކޮންމެ މުސްލިމަކީ ކުށްވެރިއެއް ކަމަށް ބަލައިގެން ނޫޅެވޭނެ ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޓްވިޓާގެ ތްރެޑެއްވެސް އެބައޮތެވެ. މިފަދަ އެތައް ހާދިސާއެއް ދިވެހިންނާއި ކުރިމަތިވެފައި ހުންނާނެއެވެ.
މިދިޔަ އާދިއްތަ ދުވަހު ލަންކާގެ ފައްޅިތަކާއި މަޝްހޫރު ހޮޓަލްތަކަށް އަމާުޒުކޮށް ބޮން ގޮއްވި ހާދިސާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ފިޔަވަޅުތައް މިވަނީ ވަރުގަދަކޮށްފައެވެ. އަދި މި ހަމަލާތައް ތަހުގީގު ކުރަމުންދާ އިރު، މިއީ މިދިޔަ މަހު ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ ދެ މިސްކިތަކަށް އަމާޒުކޮށް ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލި ހާދިސާގެ ރައްދުގައި ދިން ހަމަލާއެއް ކަމަށް ވެސް ބައެއް މީހުން ބުނަމުންދެއެވެ. އަދި ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ ހަމަލާއާ މިކަމާއި ގުޅުމެއް ނެތް ކަމަށް ބުނަމުންދާ މީހުން ވެސް މަދެއް ނޫނެވެ. މީގެ އިތުރުން، މި ހަމަލާތަކުގެ ޒިންމާ އައިސިސް ޖަމާއަތުން ނެގުމާއި ގުޅިގެން ލަންކާގައި އުޅޭ މުސްލިމުންނާ މެދު ބައެއް މީހުންދަނީ ތަފާތުކުރުންތައް ގެންގުޅެމުންނެވެ.