ސްރީލަންކާގައި އުޅޭ ދިވެހިންނަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ކޮންސިއުލާ ހިދުމަތްތަކަށް މިއަދު ވެސް އެމްބަސީ ހުޅުވާފައި ހުންނާނެއެވެ.

މިދިޔަ އާދިއްތަ ދުވަހު ލަންކާ ސިއްސުވާލި ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ. އަދި މި ހަމަލާތަކާއި ގުޅިގެން ލަންކާ ފުލުހުން ވަނީ 90 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުންނާއި ސުވާލުކޮށްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ރާއްޖޭގެ ހަ މީހުން ވެސް ހިމެނެއެވެ. މި މީހުން ހައްޔަރު ކުރުމާއި ގުޅިގެން ލަންކާ އެމްބަސީން ބުނީ އެ އިދާރާއަށް ނޭނގި ވެސް ބައެއް ދިވެހިންނާ ސުވާލު ކޮށްފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ދިމާ ވެއްޖެނަމަ އެމްބަސީގެ ހޮޓްލައިން އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާ ކުރުމަށް އެފަރާތުން އެދެއެވެ. އެމްބަސީގެ ހޮޓްލައިން ނަންބަރުތަކުގެ ތެރޭގައި 0768816666، 0727277072 އަދި 0766086660 ގެ އިތުރުން 0764189900 ހިމެނެއެވެ.

ލަންކާގައި ހުންނަ ރާއްޖެ އެމްބަސީ އިން ދަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދު ތަކަށް ސަމާލުވުމަށް ދިވެހިންނަށް އިލްތިމާސް ކުރަމުންނެވެ.