ސާވާތައް ޑައުންވުމާ ގުޅިގެން އެތައް ގަޑިއިރެއް ވަންދެން ހިދުމަތް މެދުކަނޑާލާފައި އޮތް އެއާ އިންޑިއާގެ ފްލައިޓްތައް އަލުން އޮޕަރޭޓްކުރަން ފަށައިފިއެވެ.

ސާވާތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެއާއިންޑިއާގެ ދަތުރުތައް، އިންޑިއާގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް މެދުކަނޑާލާފައިވަނީ ރޭ މެންދަމުން އަލިވެ، 02:30 ކަން ހާއިރުން ފެށިގެންނެވެ. އެއާ އިންޑިއާގެ އޮޕަރޭޝަންތައް ފަށާފައިވަނީ މިއަދު ހެނދުނު 09:45 ހާއިރުއެވެ.

އެއާ އިންޑިއާގެ ދަތުރުތައް މެދުކެނޑުމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ސަތޭކަ ބަޔަކު އެއާޕޯޓްތަކުގައި ތާށިވިއިރު، ގިނަ ބަޔަކު ވަނީ އެކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އުފުލާފައެވެ. އެއާޕޯޓްތަކުގައި މީހުން ތާށިވީ ސާވާ ޑައުންވުމުގެ ސަބަބުން ބޯޑިންގް ޕާސް ދޫނުކުރެވިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ސާވާތަކަށް ދިމާވި މައްސަލަތައް ހައްލުކޮށް ދަތުރުތައް އަލުން ފަށާފައިވީ ނަމަވެސް، ކުރިން ހަމަޖެހިފައިވާ އޮތް ޝެޑިއުލް ބަދަލުވެ، ބައެއް ފްލައިޓްތައް ޑިލޭ ވުމުގެ ފުރުސަތު އެބައޮތްކަމަށް އެއާ އިންޑިއާއިން ވަނީ ބުނެފައެވެ.