ސްރީލަންކާގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ކައްޓަންކުޑީ ދިރިއުޅެމުން އަންނަ 2 ދަރިންގެ މަންމަ އަދިވެސް އިނީ ގަބުވެފައެވެ.
މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު މަދަނިއްޔާ މުޙައްމަދު ހާޝިމުގެ ހާލަކީ މިއީއެވެ. ހަމަލާ ރޭވެމުގެ އިތުރުން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި އޭނާގެ ބޭބެ ޒަހްރާން ހާޝިމު ހިމެނުނުކަން އެނގުނު ހިސާބުން މަދަނިއްޔާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިއްޖެއެވެ.
ޒަހްރާންގެ އަމަލުތަކާ މެދު މަދަނިއްޔާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނަމަވެސް، ދެން ވެދާނެ ގޮތަކާ މެދު އެންމެ ހިނދުކޮޅަކަށް ވެސް އޭނާގެ ހިތުން ބިރުވެރިކަން ފިލާ ނުދެއެވެ. ސްރީލަންކާގެ ފުލުހުން ދަނީ މަދަނިއްޔާއާ ވެސް ސުވާލު ކުރަމުންނެވެ. ނަމަވެސް ޓެރިޒަމާ ގުޅުން އޮތްކަމުގެ ތުހުމަތުގައި ސުވާލު ކުރާ މީހެއްގެ ބީދައަކުން ނޫނެވެ.
މުސްލިމުންގެ އާބާދީ ބޮޑު ކައްޓަންކުޑީގެ އައްސޭރި ފަށުގައި، ކުރިމަތިން އޮތް މާ ސިންގާ ކަނޑަށް ބަލަހައްޓައިގެން މަދަނިއްޔާއަށް ހަމަ އިނދެވެނީއެވެ. ހުދުކުލައިގެ ބުރުގާއެއް އަޅައިގެން އިން މަދަނިއްޔާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާ ހިތާމައެވެ. ހިތްހަމަނުޖެހުމެވެ. އެތައް ބައެއްގެ ރާޑަރަށް މިހާރު އޭނާ ވަނީ އަރާފައެވެ. އެކަމަކީ އޭނާއަށް މާ ފަސޭހަކަމަކަށް ނުވިއެވެ.
މަދަނިއްޔާއަކީ 5 ބެއިންގެ އާއިލާގެ އެންމެ ހަގު މެމްބަރެކެވެ. އުމުރުން 40 އަކަށް އަހަރުގެ ޒަހްރާންއަކީ އެންމެ ދޮށީ މިހާއެވެ. މަދަނިއްޔާ ބުނާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން އޭނާއާއި ބޭބެއާ ދެމެދު އެއްވެސް މުއާމަލާތެއް ކުރެވިފައެއް ނުއޮންނާނެއެވެ. ފިކުރީ ގޮތުން ހިޔާލު ތަފާތު މުސްލިމު ދެ ގުރޫޕެއްގެ ގޮތުގައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ސްރީލަންކާ ފުލުހުން އޭނާ ހައްޔަރުކުރަން އުޅުމުން ފިލި ޒަހްރާންއާ އެއްވެސް ގުޅުމެއް އޭގެ ފަހުން ނެތްކަމަށް މަދަނިއްޔާ ބުނެއެވެ.
ސްރީލަންކާއަށް ދިން ހަމަލާތަކުގެ ޒިންމާ އައިސިސްއިން އުފުލާފައި ވާއިރު، ބޮމުގެ ހަމަލާތައް ދިން މީހުން އައިސިސްއަށް ބައިއަތު ހިފާ މަންޒަރު ދައްކުވާދޭ ވީޑީއޯއެއް އާންމުވެގެން ދިޔައެވެ. އެ ވީޑިއޯގައި މޫނު ނިވާ ނުކޮށް ހުރި ހަމައެކަނި މީހަކީ ޒަހްރާންއެވެ.
"ބޭބެގެ އަމަލުތައް ހުރި ގޮތް އަހަރެންނަށް އެނގުނީ މީޑިއާއިން. އެންމެ ހިނދުކޮޅަކަށްވެސް ހިތަކަށް ނާރާ ބޭބެ އެވަރުގެ ކަމެއް ކޮށްފާނެއެކޭ" މަދަނިއްޔާ އޭނާގެ ހިތުގެ އިހުސާސްތައް ބޭރުކުރަން ފެށިއެވެ.
"އޭނާ އެކުރި ކަންތަކާ އަހަރެން ކަނޑައެޅިގެން ދެކޮޅު. އެއީ އަމިއްލަ ބޭބެކަމަށް ވިއަސް، އެކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އޭނާއަށް ކޮންމެ ގޮތެއް ވިއަސް މިހާރު އަހަރެންނަށް ވަރިހަމަ"، މަދަނިއްޔާގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ނުތަނަވަސްކަން ބަޔާންކޮށްދިނެވެ.
އުޅެބޮޑުވި ސަރަހައްދުގައި ޒަހްރާންގެ "މަޝްހޫރުކަން" އިތުރުވެފައި އޮތީ ކާފަރުންނާ ދެކޮޅަށް، ޔޫޓިއުބްގައި އޭނާ ވީޑިއޯއެއް އާންމު ކުރި ހިސާބުންނެވެ. އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ސަރަހައްދީ ލީޑަރުންނަށް މިކަންވީ ގަބޫލުކުރަން ދަތިކަމަކަށެވެ. ސްރީލަންކާގެ މުޅި އަބާދީއަށް ބަލާއިރު މުސްލިމުންނަކީ ބައިމަދު މީސްކޮޅެކެވެ. ޒަހްރާންގެ އަމަލުތަކުގެ ސަބަބުން މުސްލިމުންނަށް ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ ޝަކުވާ، ކޮމިއުނިޓީ ލީޑަރުން އުފުލިއެވެ. ނަމަވެސް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ސްރީލަންކާގެ އޮފިޝަލުން ބުނާ ގޮތުގައި، ކަމާ ބެހޭ ފަރާތްތަކަށް ޒަހްރާން ފިލި ހިސާބުން، އޭނާ ޓްރެކް ކުރެވިފައެއް ނުވެއެވެ.
ޒަހްރާންއަކީ އެފަދަ ކަމެއް ކޮށްފާނެ މީހެއް ކަމަށް ގަބޫލުކުރާ މީހުން މިއަދު އެބަތިއްބެވެ. ނަމަވެސް ޒަހްރާންއަކީ އައިސިސްއާއި ސީދާ ގުޅުން އޮންނަ މީހެއްކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ. އެނގޭހާވެސް ކަމަކީ އޭނާ އައިސިސްއަށް ބައިއަތު ހިފާފައިވާކަމެވެ.
މިކަންތައްގަނޑެއް ހިނގާ ދިއުމުގެ ކުރިން ޒަހްރާން ވަނީ އޭނާގެ އުފަން އަވަށުގައި މިސްކިތެއް އަޅާފައެވެ. އެ މިސްކިތަކީ އޭނާގެ ދީނީ ފިކުރު އާންމު ކުރުމަށާ އެ ފިކުރުގެ ކުލާސްތައް ހިންގުމަށް އޭނާ ބޭނުންކުރި ތަނެކެވެ. ނަމަވެސް އެކަމާ ހިނގި ދެބަސްވުން ތަކެއްގައި ޒަހްރާން "ނިޒާމުން ގެއްލުނީ"އެވެ. އޭނާގެ ފިކުރު އާންމު ކުރަމުން ދިޔައީ ޔޫޓިއުބާ އެނޫންވެސް އެފަދަ ޕްލެޓްފޯމް ތަކުގައެވެ. މިއަދު އެ މިސްކިތް ހުންނަނީ ފަޅަށެވެ.
ޒަހްރާން ނިސްބަތްވާ ކަންޓަކުޑީ އޮތީ ޒަހްރާންއާ ދެކޮޅަށެވެ. މުޅި އަވަށުންވެސް ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ސްރީލަންކާގެ އިތުރުން މުޅި ދުނިޔެވެސް ސިއްސުވާލި ބޮމުގެ ހަމަލާތައް ކުށްވެރިކޮށް ކަންޓަކުޑީ އިން ދަނީ ހަޅުތާލެއްވެސް ކުރަމުންނެވެ. މުޅި އަވަށުގެ އެކި ހިސާބުތަކުގައި ވަނީ ކަޅާ ހުދުކުލައިގެ ދިދައާއި ފޮތި ދަމާފައެވެ. އެއީ ބޮމުގެ ހަމަލާތަކުގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ކަމަށްވެއެވެ.