ގިނަ އަދަދެއްގެ ގޮވާތަކެއްޗާއެކު ވެއްލަވަތައިން 3 މީހަކު ހައްޔަރުކޮށްފިއެވެ.

މިމީހުން ހައްޔަރުކޮށްފައިވަނީ ވެއްލަވައްތަ ޓްރެއިން ސްޓޭޝަން ކައިރިންނެވެ. މިހާތަނަށް ލިބިފައިވާ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު މިމީހުން ހައްޔަރުކޮށްފައިވަނީ 3 ފުރޮޅުލީ އުޅަނދެއްގައި، ގޮވާތަކެތި ހިފައިގެން ދަތުރުކުރަމުންދަނިކޮށެވެ.

ސްރީލަންކާގެ ކަލްމުނާއީ ސަރަހައްދުގައި މިރޭވެސް ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާފައެވެ. ސްރީލަންކާއިން ހޯދަން ބޭނުންވާ ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރެވޭ ބަޔަކާ ސްރީލަންކާ އަސްކަރިއްޔާއާއި ދެމެދު ހިންގި ކުރިމަތިލުންތަކަކުގައި އެކަކު މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. އަދި އެއީ އަސްކަރިއްޔާގެ މެމްބަރެއް ނޫންކަންވެސް މިހާރު ވަނީ ކަށަވަރުކުރެވިފައެވެ. ކަލްމުނާއީ ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، ޒަހަމްވެފައިވަނީވެސް ހަނގުރާމަވެރިން ކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެންތ އޮތްއިރު، ސްރީލަންކާގެ ދިފާއީ ވަޒީރުކަން ކުރައްވާފައިވާ ގޮތަބާޔާ ރާޖަޕަކްސަ ވަނީ، ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުން ހުއްޓުމަކަށް ގެންނާނެކަމަށް ވިދާޅުވެފައެވެ.

ގޮތަބަޔާ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، މިއަހަރުގެ ފަހުކޮޅު ސްރީލަންކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުންނެވެ.

ގޮތަބާޔާ މިކަން ހާމަކުރައްވާފައި މިވަނީ، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުން ސްރީލަންކާއަށް އެނބުރި އަންނަ ކަން ކަމާ ބެހޭ ފަރާތްތަކަށް އެނގުނު ކަމުގައިވީނަމަވެސް، ސްރީލަންކާގެ ގާނޫނު އަސާސީ އޮތް ގޮތުން އެފަދަ "ޓެރަރިސްޓުން" ހައްޔަރު ކުރުމުގެ ފުރުސަތު ކަމާ ބެހޭ ފަރާތްތަކަށް ލިބިފައި ނުވާތި ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.