ހުސްވި ހަފުތާގައި ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަހަރު ތެރޭގައި 30 ޕަސެންޓް ދަށަށް ގޮސް، 1.5 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާންޖެހުން އެކަށީގެންވާކަމަށް ސްރީލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސަމަރަވީރާ ވިދާޅުވީ، އާދީއްތަ ދުވަހުގެ ހަމަލާތަކާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ.

ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް އާދީއްތަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގެ މަސްރަހަށް އަދިވެސް ހަމަޖެހުން އައިސްފައި ނުވާއިރު، ސްރީލަންކާއަށް ލިބެމުންދާ ގެއްލުންތައް ފޫބައްދާ، މިހާރު ވެއްޓިފައި އޮތް އަނދަވަޅުން ތެދުވުމަށް ދެއަހަރެއްހާ ދުވަސް ބޭނުންވާނެ ކަމަށްވެސް ސްރީލަންކާގެ މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ އާންމު މަސްރަހު އިންތިހާއަށް ކަންބޮޑުވާ ދަރަޖައަށް ނުތަނަވަސްވެފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ސްރީލަންކާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެގައުމުތަކުގެ ރައްޔިތުންނަށް އިރުޝާދު ދީ، ޓްރެވެލް އެޑްވައިޒަރީތައް އާންމުކުރަމުންނެވެ.