ދުނިޔޭގެ 1 ނަންބަރު އިގުތިސޯދުގެ މަގާމު ކަށަވަރުކުރުމަށް ޗައިނާއިން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" (ބީ.އާރް.އައި)އަކީ ގައުމުތަކުން ޗައިނާއަށް ދަރުވާލުމަށް ޗައިނާއިން ޖަހާފާ ދަންތުރައެއް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތް ނަމަވެސް، ހަގީގަތުގައި އެއީ ބަދަހިވެފައިވާ ގުޅުމަކާ، ހިއްސާކުރެވިގެންދާ ތަރައްގީއާއި ތަހުޒީބު ކަމަށް ޕާކިސްތާނުގެ ބޮޑުވަޒިރު އިމްރާން ހާން ސިފަކުރައްވައިފިއެވެ.

މިފަދަ ގޮތަކަށް ބީ.އާރް.އައި ސިފަކުރައްވާ އިމްރާން ވާހަކަފުޅު ދައްކަވާފައި ވަނީ ޗައިނާގެ މިހާރު ކުރިއަށްދާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ 2 ވަނަ ސަމިޓްގައި ތަގުރީރުކުރައްވަމުންނެވެ. 37 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓްގައި ތަގުރީރުކުރައްވަމުން އިމްރާން ވިދާޅުވީ، ޗައިނާއާއި ޕާކިސްތާނުގެ ގުޅިފައިވާ އިގުތިސޯދީ ރާސްތާ (ސީޕެކް) މިހާރު މިސްރާބު ޖަހާފައިވަނީ 2 ވަނަ މަރުހަލާއާއި ދިމާލަށް ކަމަށެވެ.

އިމްރާން ހާން ވެރިކަމަށް ވަޑައިގަތީ ބޭރުގެ ފަރާތްތަކަށް ޕާކިސްތާނު ދަރަނިވެރި ނުކުރައްވާނެ ކަމަށް ވިދާޅުވަމުން ކަމުގައި ވީ ނަމަވެސް ޕާކިސްތާނަކީ މިއަދު ސީޕެކް މަޝްރޫއުގެ ތެރެއިން ޗައިނާއާއި އެންމެ ގުޅުން ބަދަހި އެއް ގައުމެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިއަށްދާ 2 ވަނަ ބީ.އާރް.އައި ސަމިޓްގައި ބައިވެރިނުވެ، އިންޑިއާއާއި އެމެރިކާއިން ވަނީ މި ސަމިޓް ބޮއިކޮޓްކޮށްފައެވެ.