މިއަދު މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއެކު 19 ދިވެހިން ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި 19 މީހުން ހައްޔަރު ކޮށްފައިވަނީ އެތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާ އެކު ހިންގި ދެ އޮޕަރޭޝަނެއްގައެވެ. މި ދެ މައްސަލައިގާ ހައްޔަރުކޮށްފައި ވަނީ 17 އަހަރާއި 38 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ހިންގި ފުރަތަމަ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެ ގެއެއް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 1211 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިން ކޮޅާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި ދެވަނަ އޮޕަރޭޝަނުގައި ގަލޮޅުގެ އިތުރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 62 ރަބަރު ޕެކެޓު އެގެއިން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަވެސް ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.