ސްރީ ލަންކާގައި ހިނގައިދިޔަ ފަދަ ހިތާމަވެރި ހާދިސާއެއް ރާއްޖޭގައި ހިނގުމަކީ ދުރުކަމެއް ނޫން ކަމަށް ޝެއިހް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

އަނީލް ވިދާޅުވީ އައިސިސް ޖަމާއަތުގެ އަވާމެންދުރުގައި ޖެހި އެފިކުރު ފަތުރަމުންދާ މީހުންނާ މެދު އަވަސް، ހިކުމަތްތެރި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ނޭޅިއްޖެނަމަ ލަންކާގައި ހިނގައިދިޔަ ފަދަ ހިތާމަވެރި ހާދިސާއެއް ރާއްޖޭގައި ވެސް ހިނގަފާނެ ކަމަށެވެ. އޭނާ ޓްވީޓް ކުރެއްވީ ޕޮލިހާއި އެމްއެންޑީއެފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޝެއިހު އިމްރާން އަބްދުﷲ ގެ އިތުރުން އިސްލާމިކް މިނިސްޓްރީ ޓެގްކޮށްފައެވެ.

އަނީލްގެ މިއަދު ކުރެއްވި ޓްވީޓާ ބެހޭ ގޮތުން ކައުންޓާ ޓެރަޓިޒަމްގެ ޑިރެކްޓާ ޖެނެރަލް އަދި ބުރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ވަކިވަކި މީހުން ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސަމާލުކަން ނުދޭ ކަމަށެވެ.

މީގެ އިތުރުން އަނިލް ވަނީ އައިސިސް އަކީ މި އުއްމަތުގެ ރަސޫލާ، މުހައްމަދު صلى الله عليه وسلم ގެނެސް ދެއްވި އިސްލާމް ދީނާ ހިލާފު ބިދުއަވެރި ހަވާރިޖުންގެ ބައިގަނޑެއް ކަމަށް ވެސް ވިދާޅުވެފައެވެ.

އަނީލް މިހެން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު އަވަށްޓެރި ސްރީލަންކާ ސިއްސުވާލި ބޮމުގެ ހަމަލާތަކުގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލުމާ ގުޅިގެން ކަމަށް ބެލެވެއެވެ. މި ހަމަލާތަކުގައި 360 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެތައް ސަތޭކަ ބަޔަކު ވަނީ އެކިވަރުގެ ޒަހަމް ވެފައެވެ.