އިސްލާމިކް ސްޓޭޓް (އައިސިސް) އަކީ މި އުއްމަތުގެ ރަސޫލާ، މުހައްމަދު صلى الله عليه وسلم ގެނެސް ދެއްވި އިސްލާމް ދީނާ ހިލާފު ބިދުއަވެރި ހަވާރިޖުންގެ ބައިގަނޑެއް ކަމަށް ޝެއިހް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

އަނީލް ވިދާޅުވީ އައިސިސް ޖަމާއަތަށް ބައިއަތު ހިފާފައިވާ މީހުންގެ ކަންތައްތަކާމެދު ހިކުމަތްތެރި، އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި އައިސިސް ޖަމާއަތުގެ އަވާގައި ޖެހިފައި ތިބި ޒުވާނުންނަށް ހައްގު ބަސް އިއްވައިދޭން ޖެހޭ ކަމަށް ވެސް އަނީލް ވިދާޅުވިއެވެ.

އަނީލް މިހެން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު އަވަށްޓެރި ސްރީލަންކާ ސިއްސުވާލި ބޮމުގެ ހަމަލާތަކުގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލުމާ ގުޅިގެންނެވެ. މި ހަމަލާތަކުގައި 360 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެތައް ސަތޭކަ ބަޔަކު ވަނީ އެކިވަރުގެ ޒަހަމް ވެފައެވެ.

ސޫރިޔާއާއި އިރާގުން އައިސިސް ބަލިކުރެވިފައި ވާކަމަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ލީޑަރު ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ 2018 ވަނަ އަހަރުއެވެ. އައިސިސްގެ ބާރު މުޅި ސޫރިޔާއިންވެސް ކަނޑުވާލެވިއްޖެ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރިތާ މަހެއްހާ ދުވަސްވެސް ނުވަނީސް އަނެއްކާވެސް އައިސިސްއިން މިވަނީ ހަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައެވެ.