ގޮވާތަކެތި ހަރުކޮށްފައިވާ އުޅަނދެއްގެ ޚަބަރުތައް ފެންމަތިވުމާއެކު، ސްރީލަންކާގެ ރަސްމީ ވައިގެބަނދަރު ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލައި އަލުން ފަށައިފިއެވެ.

ބޮމުގެ އިތުރު ހަމަލާތަކެއްގެ ނުރައްކާ އޮތުމާއެކު ސްރީލަންކާ އަނެއްކާވެސް ވަނީ ކުށްލި ހާލަތަށް ގެނެސްފައެވެ.

ގޮވާއެއްޗިހި ހުރި ވެހިކަލް ޕާކުކޮށްފައި އޮތީ އެއާޕޯޓް ހިމެނޭ ސަރަހައްދުގައި ކަމަށް ބުނާއިރު، އެއާޕޯޓަށް ދެވެން އޮންނަ މަގުތައްވެސް ވަނީ ބަންދުކޮށްފައެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގޮވާއެއްޗިހި ހަރުކޮށްފައިވަނީ ކާރެއްގައެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އަންނަ މަތިންދާބޯޓުތައް އެހެން ސަރަހައްދުތަކަށް ޑައިވާޓުކުރާއިރު، އެއެއާޕޯޓުން ފުރަން ހަމަޖެހިފައިވާ ބޯޓުތައް ފުރާ ގަޑިތައް ވަނީ ފަސްކޮށްފައެވެ.

މިއަދު ހެނދުނުވެސް، ވެރިރަށް ކޮޅުނބާ ދާދި ކައިރިން އެއްޗެއް ގޮއްވާލާފައި ވާއިރު ކަމާ ބެހޭ ފަރާތްތަކުން ދަނީ މިމައްސަލަ ބަލަމުންނެވެ. މި ގޮވުން ގޮވާފައިވަނީ ޕުގޯޑާ މެޖިސްޓްރޭޓް ކޯޓު ސަރަހައްދުގައި އޮންނަ ކުނިގޮނޑެއްގައެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކަށްފަހު ސްރީލަންކާއަށް ނުތަނަވަސްކަން ކުރިމަތިވެފައިވާއިރު މިއަދުގެ ހަމަލަތަކާއެކު ސްރީލަންކާގެ އެކި ހިސާބުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ސްރީލަންކާ އަސްކަރިއްޔާއިން ބުނީ އެމްބަސީތަކާ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭނުންވާ ސަލާމަތީ ކަށަވަރުކަން މިހާރުވެސް ފޯރުކޮށްދެމުންދާކަމަށެވެ.

ސްރީލަންކާގެ ސްކޫލްތަކުގެ ކިއެވުން ބަންދުކޮށްފައިވާއިރު މެއި 29 ވަނަ ދުވަހު ކިއެވުން ފަށާނީ ސްކޫލްތައް ރަނގަޅަށް ބަލާ ފާސްކުރުމަށް ފަހުގައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.