އެކި މޫސުމުގައި އެކި މީހުން ދައްކާނީ އެކި ވާހަކައެވެ. މިހާރު ވައިގައި ހިފައިގެން އުޅޭ ވާހަކަ އަކީ ރައްޔިތުންގެ މަޖިލީހުގެ 'އިއްޒަތްތެރި' މެންބަރުންނާއި އެހާމެ 'ހުރުމަތްތެރި' ފަނޑިޔާރު ގޭގެ ފަނޑިޔާރުންނަށް އިނާޔަތް ދޭ ވާހަކައެވެ.

ތަންކޮޅެއް ދުރުން ފަށާނަމެވެ. 2012 ވަނަ އަހަރު ބަޖެޓަށް ކުރި މަތިވި ދަތިކަމުގެ ތެރޭގައި މަޖިލީހުގެ މެންބަރުން 20 ހާސް ރުފިޔާގެ އެލަވަންސެއް ނަންގަވަން ނިންމެވިއެވެ. އޭރު ބަޖެޓުގެ ދަތިކަން ކުރިމަތިވެ އާސަންދައިގެ ޚިދުމަތް ދޭނެ ފައިސާއާއި ފަނޑިޔާރުންނަށް އިނާޔަތް ދޭނެ ފައިސާއާއި ގައުމުގެ އިޖްތިމާއީ ތަރައްގީ އަށް ހަރަދު ކުރާނެ ފައިސާ ނެތި ހުއްޓިފައިވާ ކަމަށް ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަކަ ދެއްކެވިއެވެ. ނަމަވެސް ނިންމީ މަސައްކަތް ނުކުރައްވާ މަހުވެސް ކޮމިޓީ އެލެވެންސްގެ ގޮތުގައި ފައިސާ ނެންގެވުމަށެވެ.

އަމިއްލަފުޅަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅުއްވައި ކޮންމެ މަހަކު މުސާރައާއި އިނާޔަތުގެ ގޮތުގައި އައްޑިހަ ފަސްހާސް ރުފިޔާއާއި އާސިޔާންގެ ގައުމުތަކުން ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ މެންބަރުން ކޮމިޓީގެ މަސައްކަތް ނުކުރައްވާ ގޭގައި ތިއްބެވި ދުވަސްތަކަށްވެސް ކޮމިޓީ އެލަވަންސް ލިބޭނެ ގޮތް ހެއްދެވިއެވެ.

2012 ވަނަ އަހަރުގެ އެ ނިންމުން މިތާ ފާހަގަ ކޮށްލީ އިއްޒަތްތެރި މެންބަރުންނަށް 'އެއްޗެއް' ލިބޭތީ އެކަމާ ކަންބޮޑުވާތީއެއް ނޫނެވެ. ނަމަވެސް މަޖިލީހުގެ ދައުރެއް ނިމެން ދިމާވާ ކޮންމެ ފަހަރަކު އިއްޒަތްތެރި މެންބަރުން އަމިއްލަފުޅަށް އެލަވަންސާ މުސާރައާއި އިނާޔާތްތައް ބޮޑުކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާތީ އެކަން ފާހަގަ ކޮށްލުމެވެ. މިފަހަރުވެސް މިވަނީ ހަމަ އެހެންނެވެ. ދަރުރު ނިމެން ދެން އޮތީ ބާކީ ކުޑަ ދުވަސްކޮޅެކެވެ. މަޖިލީސް ދޫކޮށްލައްވަާ ނުކުންނަވަން ވާ އިރަށް އިނާޔަތްތައް ބޮޑުކުރައްވަން މަސައްކަތް ކުރައްވަނީއެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ 70 ޕަސެންޓް މެންބަރުން ވަނީ ނިމިދިޔަ މަޖިލީސް އިންތިހާބުގައި ވާދަކޮށް ފެއިލް ވެފައެވެ. ރައްޔިތުން ބަލައެއް ނުގަތެވެ. ސަބަބަކީ އެ މެންބަރުން އެމީހެއްގެ ދާއިރާއަށް ކޮށްދެއްވަންވީ ހިދުމަތްތައް ދާއިރާގެ ރައްޔިތުން އެދޭ ގޮތަށް ކޮށްދެވިފައި ނެތުމެވެ. ދެން މަޖިލީސް ދޫކުރައްވާ ވަޑައިގަންނަވަން ވާއިރަށް އެލަވަންސްތަކާއި އިނާޔަތްތައް ހޯއްދަވަން މިއުޅުއްވަނީ ކޮން ކަމަކާތޯ ސުވާލު އުފެދެނީއެވެ. މަޖިލީހުގެ ދައުރުގައި ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ކޮށް ނުދެއްވުނު ތާނގައި، މަޖިލީސް ދޫކުރައްވާ ވަޑައިގަންނަވާ އިރު ރައްޔިތުންގެ ޓެކްސް ފައިސާއިން ދާއިމީކޮށް އެ މެންބަރުންނަށް އެލަވަންސް ދީދީ ތިބެން މަޖުބޫރު ކުރުވާތީ ކަން ބޮޑުވަނީއެވެ.

ރައްޔިތުން ކިޔު ގައި / ފޮޓޯ: ސޯޝަލްމީޑިއާ

ރައްޔިތު މީހާ މިއަދު އުޅެނީ ނުކައެވެ. ފައިގެ ބޮޑުވައި އިނގިލި ދޮސް ގަތަސް ރަނގަޅު ފަރުވާއެއް ލިބޭކަށް އަމިއްލަ ރަށަކު ނުހުރެއެވެ. ފުރައިގެން އަތޮޅު ހޮސްޕިޓަލަށް ދާއިރު އެތާނގައި ހުންނަ އޮކްސިޖަން ފުޅި ހުންނަނީ ގިނަފަހަރު ހުސްވެފައެވެ. މާލެ ގޮސް ހުންނަން ޖެހެނީ ބޮޑު ކުލީގައެވެ. ކެއުމާ ބުއިމުގެ ހަރަދުތައް ކޮށްފައި އެއްކަލަ ރިހޭ އިނގިއްޔާއެކު ހޮސްޕިޓަލަށް ދާއިރު ވެއިޓިން ލިސްޓް ދިގު ކަމުން އެޕޮއިންޓްމަންޓެއް ނުލިބެއެވެ. އެޕޮއިންޓްމަންޓް ލިބިއްޖެއްޔާ، އޮށޯވެލާނެ އެނދެއް ނުލިބެއެވެ. ބޮޑުވައި އިނގިލި ދޮސް ގަތުމަކީ ކުޑަކުޑަ ކަމަކަށް ވިޔަސް ދުވަސްތައް ގިނަވެ އެކަން ބޮޑު ވޭނަކަށް ވެއެވެ. އަތުން ދާ ހަރަދަށް ހުއްޓުމެއް ނާދެއެވެ.

ދެން އޮތީ ކާބޯތަކެއްޗާ، ދިރިއުޅުމުގެ އެހެނިހެން ހަރަދުތަކެވެ. ސަރުކާރަށް 49 އަހަރު ހިދުމަތް ކޮށްދީ ރިޓާޔާ ކުރީމާ ލިބެނީ އަސާސީ ޕެންޝަނެކެވެ. ދިހަވަރަކަށް ހާސް ރުފިޔާވެސް ނުލިބެއެވެ. އުމުރުން ދުވަސް ވީ މީހުންނާ، އެކަނިވެރި މައިންނަށް ލިބެނީ ކުޑަ ކުޑަ އިނާޔަކެކެވެ. ބާޒާރުގެ ތަކެތީގެ އަގުތަކަށް ބަލާއިރު އެ ލިބޭ މަދު ފައިސާކޮޅުން ދެކޮޅެއް ނުޖެއްސެއެވެ.

ދެން ތިބީ ވަޒީފާގައި އުޅޭ މީހުންނެވެ. ހެސް ކިޔާފައި މަސައްކަތް ކުރީމައި ގެއަށް ގެންދަން ލިބެނީ އެގާރަ، ބާރަހާސް ރުފިޔާއެވެ. ގެއަށް ވަންނަން ވާއިރަށް 'އަހަރެމްނެގެ ބޭންކު' އިން ލޯނަށާ، ކްރެޑިޓްކާޑަށާ އަދި ޖޫރި މަނާއެކޭ ކިޔާފައި ފައިސާކޮޅު ކަނޑާލީމާ ދެން އޮންނަނީ އަށެއްކަ ހާސް ރުފިޔާއެވެ. އިރުކޮޅެއް ނުވެ، ފެން ބިލާ، ކަރަންޓް ބިލްގެ އިތުރުން ނެޓް ބިލާ، މީޑިއާ ނެޓް ބިލް ނުދައްކައިގެން ހިދުމަތް ކަނޑާލައެވެ. ދަރިފުޅު ބަލައި ސްކޫލަށް ދާއިރަށް ކޮންމެވެސް އެކްޓިވިޓީއެއް އޮވެގެން، ހައެއްކަ އާފަލާ، ޕާނަކާ، މަސް ކޭހެއް ގެންދަން ސްލިޕްކޮޅެއް ދެއެއެވެ.

ބޯ ހަނޑަސްވަނީ ރައްޔިތު މީހާގެއެވެ. މި ހުރިހާ ހަރަދެއް ކޮށްފައި ތަނެއްގައި ނީށިދެނވި އުޅެނިކޮށް އަންނަނީ ފޯނު ކޯލެކެވެ. ގޭގެ ކުލި، އަޕާޓުމަންޓް ކުލި ނުދައްކައިގެންނެވެ.

ރައްޔިތު މީހާގެ ހާލު މިދަރަޖައިގައި ހުންނަ އިރު ބޮޑެތި ބިޔަ މުސާރައާއި ގިނަ އިނާޔަތްތައް ނަންގަވައިގެން ތިއްބަވާ މެންބަރުން، ރައީސް ނަޝީދު ވިދާޅުވާހެން ކުއްޔަށް ދޫކޮށްފައި ހުންނަ ހައެއްކަ އެޕާޓުމަންޓާ، ކަންނެލި އޮޑި ފަހަރާ، ބޯކޮށާ ތަނަކާ، ހައެއްކަ ފިހާރައިން ނަފާ ހޯދައެވެ. އެއްވެސް ހާސް ކަމެއް ނެތި ހަވީރު ރައްޓެހިންނާއެކު ކޮފީޝޮޕްތަކުގައި ތިއްބަވައެވެ.

ދެން އޮތީ 'ހުރުމަތްތެރި' ފަނޑިޔާރު ގެތަކެވެ. ތާއަބަދު ރައްޔިތުން ދައްކާ ވާހަކަ އަކީ އިންސާފު ނުލިބޭ ވާހަކައެވެ. އަހަރު ދެއަހަރު އަދި އެތައް ޒަމާނެއްވެ 'ވާނުވާ' ޖަހާފައި އެތައް ބަޔަކު ޖަލުތަކުގައި ބައިތިއްބާފައި ތިބި ވާހައެވެ. މައްސަލައެއްގައި އިންސާފު ހޯދަށް ކޯޓަކަށް ގޮސްގޮން އިންސާފު ނުލިބޭނެ ވާހަކައެވެ. މި ވާހަކަތަކީ އިއްޔެ އަކު މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ. ރައްޔިތުން މިވާހަތަކެއް ދައްކާ ދައްކާ އަނގައިގައި މިހާރު ހުރީ ހިތިރަހަ ލައިފައެވެ.

މިހާރު މަޖިލީހުން އަވަސް އަރުވާލައިގެން މަސައްކަތް ކުރަމުން ދަނީ ފަނޑިޔާރުންނަށްވެސް އިނާޔަތްތަކެއް ދޭށެވެ. ހީވަނީ ނިމެން މިދާ މަޖިލީހުގެ ރައީސް ދައުރު ހަމަ ކުރައްވާ ވަޑައިގަންނަވަން ވާއިރަށް ރެކޯޑަށްޓަކައި ކަމެއް ކުރެއްވުމުގެ ބޭނުންފުޅުގައި އުޅުއްވާހެނެވެ.

ރާއްޖޭގައި މަޖިލީސް މެންބަރުންނާ، ފަނޑިޔާރުންނަކީ ނިސްބަތުން ބޮޑު މުސާރައަކާއި އިނާޔަތްތަކެއް ލިބޭ ބައެކެވެ. ހާސް ކަމާއި ފިކުރު ބޮޑުވެ، ހަމަޖެހުމެއް ނުލިބި ތިބެން ޖެހިފައިވަނީ ރައްޔިތުންނަށެވެ. ސަރުކާރަކަށް ފަހު ސަރުކާރެއް ނިމިދާއިރުވެސް ރައްޔިތު މީހާގެ ޖީބު ތަނަވަސް ކޮށެއް ނުދެވެއެވެ. ހާސްކަން ފިލުވައެއް ނުދެވެއެވެ. ޓެންޝަން ބޮޑުވެ ޑިޕްރެޝަނަށް ދަނީ ރައްޔިތު މީހާއެވެ. އެހެން ވީމާ އިނާޔަތް ދީ ހާސްކަން ފިލުވައި ދޭންވީ ރައްޔިތުންގެ ނޫންތޯއެވެ.