އަވަށްޓެރި ސްރީލަންކާއަށް މިމަހު 22 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރި ކަމަށް ބެލެވޭ ޒަހްރަން ހާޝިމް ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ވެސް ރާއްޖެއަށް ދަތުރުކޮށްފައި ނުވާކަމަށް ރާއްޖޭގެ އިމިގްރޭޝަނުން ބުނެފިއެވެ.

މީޑިއާ ތަކުގައި ދައުރުވަމުން ދިޔަ ވާހަކަ ދޮގު ކުރަމުން އިމިގްރޭޝަނުން ބުނީ، އެ ފަރާތުގެ ރެކޯޑްސްތައް ބަލުމަށްފަހު ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޒަހްރަން ހާޝިމް ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވެސް ރާއްޖެއަށް އައިސްފައި ނުވާ ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި މީހުންގެ މެދުގައި އޮޅުން ބޮޅުން އުފެދޭގޮތަށް މައުލޫމާތުތައް ނުފެތުރުމަށާއި މީޑިއާތަކާއި އެހެނިހެން ކުންފުނިތަކުންވެސް މައުލޫމާތު ފެތުރުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކުން ރަނގަޅު މައުލޫމާތު ހޯދުމަށް ވެސް އެ ފަރާތުން ވަނީ އެދިފައެވެ.

މީނާ ރާއްޖެގައި އުޅުނު ކަމަށާ އަދި މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރި ކަމަށް ބުނެ ރިޕޯޓު ކުރި އެއް ބަޔަކީ އިންޑިއާއަށް ނިސްބަތްވާ ފަރާތްތަކެކެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބިރުދެއްކުމަށް ދެކެވޭ އެކި ވާހަކަތަކަށް އިމިގްރޭޝަން އޮތީ ހޭލާ ކަމަށާއި، ރާއްޖެއިން އަދި ރާއްގެއިން ބޭރުގެ ސަލާމަތީ ކަންކަމާ ބެހޭ އެޖެންސީތަކާއި އެކު ގައުމުގެ ސަލާމާތާއި ރައްކާތެރިކަން ދަމަހައްޓަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އާދީއްތަ ދުވަހު ސްރީލަންކާ ސިއްސުވާލި ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލާފައި ވާއިރު، އެ ޖަމާއަތުގެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ޒަހްރާން ހާޝިމް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާގައި މަރުވި ބިދޭސީންގެ ތެރެއިން 31 މީހަކީ ކޮން ބައެއްކަން ދެނެގަނެވިފައި ވާކަމަށާ، 14 މީހަކަށް ވީނުވީއެއް ނޭނގި ގެއްލިފައި ވާއިރު އެމީހުންނަކީވެސް މަރުވެފައިވާ ބަޔަކަށް ވުމުގެ ބިރު އެބައޮތް ކަމަށް ސްރީލަންކާގެ ހާރިޖިއްޔާއިން ވަނީ ބުނެފައެވެ. ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާ އިރު، 500 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖިސްމާނީ އަނިޔާތަކެއް ލިބިފައެވެ.