އާދިއްތަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެ ގައުމުގެ ސަލާމަތީ ކަންކަން އަދިވެސް ބަލަހައްޓަމުން ދާތީ އެ ގައުމުގައި އުޅޭ ދިވެހިން ގެއިން ބޭރަށް ދާއިރު ޕާސްޕޯޓް ގެންދަން ހަނދާން ބެއްހެއްޓުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.
ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނީ، އެ ގައުމުގައި ހިނގާ ދިޔަ ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރިއަށް ގެންދާތީ ސަލާމަތީ ބާރުތަކުން ގޭގެ ބަލާ ފާސްކުރުމާއި މަގުމަތީގައި ހުންނަ ޗެކް ޕޮއިންޓް ތަކުން ޕާސްޕޯޓް ޗެކް ކުރުން އަދިވެސް ކުރިއަށް ދާ ކަމަށެވެ.
އެހެންކަމުން ބޭރުގައި އުޅޭ ވަގުތުތަކުގައި ޕާސްޕޯޓް ގެންދިއުމަށް ހަނދާން ބެހެއްޓުމަށް ހާއްސަ ސމާލުކަމެއް ދިނުމަށް އެ ފަރާތުން އެދިފައި ވެއެވެ. އޭގެ އިތުރުން ސްރީލަންކާގެ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތަށް ޕާސްޕޯޓްގެ ވިސާގެ ކަންތައް ފުރިހަމަ ވެފައިވޭތޯ ބެލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެފަރާތުން އެދިފައި ވެއެވެ.
އާދިއްތަ ދުވަހު ލައްކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން ނިކުމެ ކޮލަމްބޯގެ ގިނަ ސަރަހައްދުތައް ދަނީ ބަލާ ފާސް ކުރަމުންނެވެ.