ދިވެހިރާއްޖޭގެ އެކި ސިނާއަތްތަކުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި ސަތޭކަ ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ "މޯޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް މިއަދު އުފެއްދެވި ކުންފުންޏަކީ ރާއްޖޭގެ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ ބާޒާރުތަކުން ހެޔޮ އަގުގައި ފަންޑު ސްޓްރަކްޗާތައް މެދުވެރިކޮށް، ފައިނޭންސް ހޯދުމަށް ހާއްސަކުރެވިގެން އުފެއްދެވި ކުންފުންޏެކެވެ.

މި ކުންފުނީގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭފަދަ އިންތިޒާމެއް ހަމަޖެހިގެން ދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް ސޯލިހު މިކުންފުނި އުފެއްދެވީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ރާއްޖޭގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި ކުރެވޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށްޓަކާ، ލިބޭ ނަފާއާއި ނަގަންޖެހޭ ރިސްކުތައް މެނޭޖުކުރެވޭފަދަ އިންތިޒާމެއް ގާއިމު ކުރެއްވުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

"ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި މިދިޔަ މަހުވެސް ރައީސް ކުންފުންޏެއް އުފައްދަވާފައި ވެއެވެ. އެ ކުންފުނި އުފައްދަވާފައިވަނީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު، ފުއްދުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.