އާދީއްތަ ދުވަހު ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް ސްރީލަންކާގެ ދިފާއީ ވަޒީރުގެ ނައިބު ރުވާން ވިޖޭވަރުދަނާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ވިޖޭވަރުދަނާ ވިދާޅުވީ އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިން 9 މީހުންގެ ތެރެއިން 8 މީހެއްގެ ވަނަވަރު މިހާރު ކަށަވަރު ކުރެވިފައިވާކަމަށެވެ.

އަމިއްލަ އަށް މަރުވެގެން ބޮމުގެ ހަމަލާ ދިން މީހުންނަކީ ރަނގަޅަށް ކިޔަވައިގެން ތިބި "އިލްމީ" ބައެއް ކަމަށާ، އޭގެ ތެރޭގައި އިނގިރޭސިވިލާތާ އޮސްޓްރޭލިއާއިން ތައުލީމު ހާސިލުކޮށްފައިވާ މީހަކުވެސް ހިމެނޭ ކަމަށެވެ.

ހަމަލާތަކާ ގުޅުންހުރި މީހުން ފިލާ އުޅުމަށް "ރައްކަލުގެ ކިއްލާ"އެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ 2 ގެއެއް މިހާރު ހޯދިފައިވާއިރު، ހަމަލާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ވަނީ 60އަށްވުރެ މައްޗަށް އަރާފައި ކަމަށްވެސް ވިޖޭވަރުދަނާ ވަނީ ހާމަކުރައްވާފައެވެ.

25 އަހަރުވީ ދާހިލީ ހަނގުރާމަ ނިންމާލިތާ 10 އަހަރުފަހުން ސްރީލަންކާއަށް ކުރިމަތިވި އެންމެ ނާމާން ދުވަހުގެ ގޮތުގައި ސިފަކުރަމުން އަންނަ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 350 އަށްވުރެ މައްޗަށް އަރާފައެވެ.