އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ހަމަލާތަކުގައި އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލި އެކަކީ، އިނގިރޭސިވިލާތުން ތައުލީމު ހާސިލުކުރި މީހެއް ކަމަށް ސްރީލަންކާގެ ސްޓޭޓް މިނިސްޓާ ފޯ ޑިފެންސް ރުވާން ވިޖޭވަރުދަނާ ވިދާޅުވެއްޖެއެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 50 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވާއިރު، އަންގާރަ ދުވަހުގެ ހަވީރާ ހަމައަށް މުޅިންވެސް ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ރައްޔިތުންކަން ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ރޭ އެކަނިވެސް 18 މީހަކު ހައްޔަރު ކޮށްފައި ވާއިރު އެމީހުންނާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.

ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ދަނީ އެގައުމުގެ އެކި ހިސާބުތަކުގައި ފޮރުވާފައިވާ ބޮންތައް ހޯދާ، ރައްކާތެރިކަމާއެކު އެ ބޮންތައް ނައްތާލަމުންނެވެ. އެގޮތުން ދާދި ދެންމެއަކު، ވެއްލަވައްތަގެ ސަވޯއީ ސިނަމާ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުގައި ފޮރުވާފައިވާ ބޮމެއް، ކަމާ ބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުން ވަނީ ގޮއްވާ، ނައްތާލަފައެވެ.

ހަމަލާތަކާ ގުޅިގެން ސްރީލަންކާގައި އިއުލާންކުރި ކާފިއު ބާތިލުކޮށް އާންމު ހާލަތަށް ގައުމު ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު، ސްރީލަންކާގައި ދިރިއުޅޭ މުސްލިމުން ވަނީ ހަމަލާތަކާ ދެކޮޅަށް އެގައުމުގައި މިއަދު މުޒާހަރާއެއްވެސް ކޮށްފައެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 350 އަށްވުރެ މައްޗަށް އަރާފައެވެ.