ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަކީ މިދިޔަ މަހު ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ 2 މިސްކިތަކަށް އަމާޒުކޮށް ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލި ހާދިސާގެ ރައްދުގައި ދިން ހަމަލާއެއްކަމަށް ސްރީލަންކާގެ ދީފާއި ވަޒީރުގެ ނައިބު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ދިފާއީ ވަޒީރުގެ ނައިބު ރުވާން ގުނަރަތުނަ ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ތަހުގީގީ މައުލުމާތަށް ބަލާއިރު، އާދީއްތަ ދުވަހުގެ ހަމަލާއަކީ ކްރައިސްޓް ޗާޗް ހަމަލާގެ ރައްދުގައި ބަޔަކު ދިން ހަމަލާއެއްކަން ކަށަވަރުކުރެވިފައިވާކަމަށެވެ. ދިފާއީ ވަޒީރުގެ ނައިބު މިކަން ހާމަކުރައްވާ ފައިވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 320 އަށްވުރެ މައްޗަށް އަރާފައިވާއިރު، ޒަހަމްވީ މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް އަރައެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން 30އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ސޫރިޔާގެ ރައްޔިތަކު ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.