އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުއްލަންޖެހޭނީ އެ ގައުމުގެ ސަރުކާރުން ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

މިފަދަ މޭރުމަކުން ރާޖަޕަކްސަ ވާހަކަފުޅު ދައްކަވާފައި މިވަނީ، މިހާރު ކުރިއަށްދާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގެ ތަޅުމުގައެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކާ ގުޅިގެން އަދުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރާޖަޕަކްސަ އިތުރަށް ވިދާޅުވީ، ގައުމީ ސަލާމަތީ ސްރީލަންކާގެ ޖާސޫސީ ޓީމަށް މާ މުހިންމުކަމެއްގެ ގޮތުގައި ސަރުކާރުން އަންގައިދީފައި ނުވާކަމަށެވެ.

ރާޖަޕަކްސަ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭ ސަރުކާރެއް ބޭނުމެއް ނެތް ކަމަށާ، ސްރީލަންކާގެ ވެރިކަމުން އެމަނިކުފާނު އަތް ދޫކޮށްލެއްވިއިރު އެ ގައުމަކީ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވެފައިވާ ގައުމެއް ކަމަށެވެ. އަދި ރާޖަޕަކްސަގެ ވެރިކަމެއް އެފަދަ ކަމެއް ހިނގާ ނުދިޔައީސް ކަމަށް ވިދާޅުވެ، ރާޖަޕަކްސަ ވަނީ ސްރީލަންކާގެ އަދުގެ ސަރުކާރަށް ގޮންޖައްސަވާފައެވެ.

ރާޖަޕަކްސަ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އާދީއްތަ ދުވަހުގެ ހަމަލާތަކާ ގުޅޭ ޖާސޫސީ މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް މީގެ ދުވަސްތަކެއް ކުރިން ލިބިފައި އޮވެ، އެކަމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ އިސް ފަރާތްތަކަށް އަންގަންޖެހޭ އެންގުންތަކެއް ނާންގާ އޮތްކަމުގެ ވާހަކަތަކެއް ފެންމަތިވެ، ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ ހާލަތާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ކަންމިހެންއޮތްއިރު، އާދީއްތަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ވަކި ދީނެއްގެ ބަޔަކަށް ތުހުމަތުގެ އިނގިލި އަމާޒު ނުކުރުމަށްވެސް ރާޖަޕަކްސަ ވަނީ ގޮވާލައްވާފައެވެ.