25 އަހަރުގެ ދާހިލީ ހަނގުރާމައަކަށްފަހު މިނިވަންކަމުގެ ވެއްޓެއްގައި އުޅެމުންދިޔަ އަވަށްޓެރި ސްރީލަންކާގެ ޖައްވު ނަމާންކަމާ ބިރުވެރިކަމުން ވަށާލީ އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކެވެ. 10 ގޮވުމަކާ ގުޅިގެން 30 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވާއިރު ހަމަ ދެންމެ ދެންމެވެސް ބޮމެއް ގޮވާފާނެ ކަމުގެ ބިރު އަދިވެސް ފިލައިގެން ނުދެއެވެ. މަގުތައް ވަނީ ހިތާމައިގެ މަޑުމޮޅިކަމެއްގައެވެ. އާދީއްތަ ދުވަހުގެ ހަމަލާތަކުގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޖަނާޒާތައް ކުރިއަށްދާއިރު، ވެރިރަށް ކޮޅުނބުގެ މޯޗަރީއެއްގެ ބޭރުގައި އިން ޑޮކްޓަރަކަށް މީޑިއާގެ ސަމާލުކަން ހުއްޓުނެވެ.

ޑޮކްޓަރުން އަޅާ ޒާތުގެ ހުދުކުލައިގެ ކޯޓެއްގައި، ހުދު ކުލައިގެ ބޫޓަކަށް އަރައިގެން ލެޕްޓޮޕެއް ހިފައިގެން އިން އެ ޑޮކްޓަރު ވަށާލާފައިވަނީ އާއިލާއެއްގެ މެމްބަރުންތަކެއްކަން އެނގެއެވެ. އެމީހުން އެ ބަލަމުންދަނީ ކޯއްޗެއްތޯ ބަލާލިއިރު، ހިތްބަލި މީހަކު ނަމަ ހުރިތަނަށް ވެއްޓޭނެއެވެ. ސްކްރީނުން ފެންނަމުންދިޔައީ ލެއިން ފޯވެފައިވާ ހަށިތަކެކެވެ. ފުރާނަނެތް މަސްތަކެކެވެ. އަތްފައި ވަކިވެ، ވިއްސައިގެން ގޮސްފައިވާ މަންޒަރެވެ. ގުނަވަންތައް ޗިސްވެ، ފިސްފިސްވެފައިވާ މަންޒަރެވެ. މިއީ ހަމަހޭ ޖެހޭ ހިތްހަރު މީހަކަށްވެސް ބަލާލަން މާ ފަސޭހަ މަންޒަރުތަކަކަށް ނުވި ނަމަވެސް، އެއާއިލާގެ މެމްބަރުން ކަޅިޖަހާނުލާ ބަލަމުން އެދަނީ ސަބަބެއް އޮވެގެންތާއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި ބައެއް މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ޔޫޓިއުބް

އެއީ ކޮޅުނބުގެ ގައުމީ ހޮސްޕިޓަލުގެ މޯޗަރީއެވެ. ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސްރީލަންކާ ދުށް އެންމެ ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވީ މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދަނީ މި މޯޗަރީގައެވެ.

"ކޮން ބައެއްކަން ދެނެގަންނަން ވަރަށް އުނދަގޫ. ބައެއް މީހުންގެ ސިފަވެސް ވަކިވާ ވަރެއް ނުވޭ. ކުޑަކުދިންނަށް ބެލި ކަމުގައި ވީނަމަވެސް، ބައެއް ކުދިންގެ ފެންނަން އޮތީ ބޫޓު އެކަނި. އިތުރު އެއްވެސް ނިޝާނެއް ނެތް. ޓެރަރިޒަމްއަކީ އެއްވެސް ރަހުމެއް އޮތް ކަމެއް ނޫން"، އެ މަންޒަރުތައް ވަރަށް ގާތުން ބަލަމުންދިޔަ އިސް މީހަކު ބުނެލިއެވެ.

ބަލަން ބޭނުން ނުވި ކަމުގައި ވީ ނަމަވެސް، ޑޮކްޓަރު ސްކްރޯލް ކުރަމުންދާ ތަސްވީރުތައް ބަލާލުމުގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންދިޔަ އެކަކީ އެމް.އެން ޖެންސަންއެވެ. އޭނާގެ މަންމަވެސް އޭނާއާއިއެކު އިނެވެ. ޖެންސަން އިންތިޒާރު ކުރަމުންދިޔައީ އާދީއްތަ ދުވަހުގެ ހަމަލާތަކުން ހަމަލާއެއް އަމާޒުވި ސެއިންޓް އެންތަނީ ޝްރައިންއަށް ދިޔަ އޭނާގެ ކާފަ، ސިބާމަލާއި ޕިއްޗާއިގެ ޚަބަރެއް ވޭތޯއެވެ.

އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާއާއި ގުޅިގެން މަރުވި މީހުންގެ އަދަދު އިތުރުވަމުންދިޔަ ވަރަކަށް ޖެންސަންއާއި އޭނާގެ މަންމަ ދިޔައީ ކާފަގެ ފޯނަށް ގުޅަމުންނެވެ. ނަމަވެސް ކާމިޔާބު ވާ ގޮތެއް ނުވެއެވެ. ދެން އިވުނީ ފޯނު ނިއްވާލާފައިވާކަމަށް ބުނި އަޑެވެ. އެއާއެކު ކޮޅުނބުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލުތައް ބެލުމަށް ޖެންސަންގެ ދެމައިން ނިކުތީއެވެ. 3 ވަނައަށް ދިޔަ ހޮސްޕިޓަލުގައިވެސް ޖެންސަންގެ ކާފަގެ ނިޝާނެއް ނެތެވެ. ނަމަވެސް މޯގު ބަލާލަން މަޑުކުރީއެވެ.

ޑޮކްޓަރު ސްކްރޯލް ކުރަމުންދިޔަ ލެޕްޓޮޕްގެ ސްކްރީންނަށް ބަލާލުމުގެ ފުރުސަތު ޖެންސަންއަށް ލިބުނެވެ. އެތަނުގައި އެ ކުރި ކަމެއް ކުރުމަށްފަހު ބޭރަށް ނިކުމެ، ހޮސްޕިޓަލުގެ ތަނބެއްގައި ޖެންސަން ލެނގިލިއެވެ. ލޯފުރި ބަންޑުންވީ ކަރުނައިންނެވެ. ތުނބުޅިއާއި ބޮލުގައި ޖެންސަން އަމިއްލައަށް ފިރުމާލީ ބޭ އިހުތިޔާރުގައެވެ. ނަފުސަށް ހަމަޖެހުމެއް ލިބޭތޯއެވެ. ކުރިއަށް އޮތީ އެންމެ ހިތްދަތި މަރުހަލާއެވެ.

ޑޮކްޓަރު ދެއްކި ފޮޓޯތަކުން ޖެންސަންއަށް އޭނާގެ ކާފަ ފާހަގަކުރެވުނެވެ. ދެން އޮތީ ހަށިތައް ބާއްވާފައިވާ މޯޗަރީއަށް ވަދެ، ހަމަލޮލުން ދެކި، އެއީ ކާފަކަން ކަށަވަރުކުރުމެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި ބައެއް މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

އެވަގުތު މޯޗަރީއިން އެހެން އާއިލާއެއްވެސް ނިކުތެވެ. އެއީ ބޮމުގެ ހަމަލާ އަމާޒުވި ދަ ސިނަމަން ގްރޭންޑްގައި ފުރާނަ ގެއްލިދިޔަ މުސްލިމެއް ކަމަށްވާ އަރުޝަދު ޔަހުޔާގެ އާއިލާއެވެ. އެންމެ ކުރީގައި ހުރީ އުމުރުން 85 އަހަރުގެ ތުއާން ޔޫނުސްއެވެ. އަރުޝަދަކީ ސިނަމަން ގްރޭންޑްގެ މުވައްޒަފެކެވެ. ހަމަލާ ދިން ދުވަހަކީ އޭނާގެ 36 ވަނަ އުފަންދުވަހުގެ ޝަރަފުގައި ހޮޓަލުން ދިން ޕެކޭޖެއްގެ ދަށުން އަނބިމީހާއާއި ދަރިން ގޮވައިގެން އެ ހޮޓަލުގައި އަރުޝަދު ޗުއްޓީ ހޭދަކުރަމުންދިޔަ ދުވަހެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި ބައެއް މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ރަޕްޓްލީ

ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހިތްދަތި ކިތަންމެ މަންޒަރެއް ލޮލުން ދެކިފައި ތިބޭނެ ބައެކެވެ. ވަކީން ހާއްސަކޮށް 25 އަހަރަށް ދިގުލައިދިޔަ ދާހިލީ ހަނގުރާމައެއް ކުރި ގައުމެއްގައި މިފަދަ ކިތަންމެ ކަމެއް ވާނީ ފެނިފައިތާއެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ހަމަލާ ވީ ނަރުހުންވެސް ސިއްސުވާލި ދުވަހަކަށެވެ. މީޑިއާއާއި ވާހަކަ ދެއްކި ނަރުހަކު ބުނީ، ފާއިތުވީ 30 ވަރަކަށް އަހަރު ކިތަންމެ ކަމެއް ދެކިފި ކަމަށާ، ނަމަވެސް މިވަރުގެ ކަމަކާ ކުރިމަތި ނުވާކަމަށެވެ.