119،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލަ އަކާ ގުޅިގެން 19 އަހަރުގެ ފިރިހެނަކު ފުލުހުން ނ. މިލަދޫއިން ހައްޔަރުކޮށްފިއެވެ.

އެ ފައިސާތައް ވަގަށް ނަގާފައި ވަނީ މިލަދޫގެ ދެ ތަނަކުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނާ ގޮތުގައި އޭގެތެރެއިން 19،000 ރުފިޔާ ވަގަށް ނަގާފައި ވަނީ އެރަށު ގެޔަކުންނެވެ. އަދި އެރަށު ސުކޫލުން އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޯޓު އަމުރެއްގެ ދަށުން މިލަދޫ ގެއެއް ބަލާ ފާސްކުރި އިރު ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 94،705 ރުފިޔާ، އެގޭ ކޮޓަރިއަކުން ފުލުހުންނަށް ފެނިފައި ވެއެވެ. އަދި އެގޭގެ އެހެން ކޮޓަރިއެއްގެ ތެރޭގައި ފޮރުވާފައި އޮތް ވޮލެޓަކުން 1،315 ރުފިޔާ ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ގެންދަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.