އަވައްޓެރި ސްރީލަންކާގައި އިއްޔެ ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކާ ގުޅިގެން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތައް ނުފެތުރުމަށް ގޮވާލައްވާފައި ވެއެވެ. އަދި އެފަދަ މައުލޫމާތެއް ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރި ނުވުމަށް ވެސް އިލްތިމާސް ކުރައްވާފައި ވެއެވެ.

އިމްރާން މިހެން ވިދާޅުވެފައި ވާއިރު ލަންކާއަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި ދިވެހިންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތްކަން މިހާތަނަށް އެނގިފައިވާކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު ބުނެފައި ވެއެވެ. އަދި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ސެންޓަރުން ވެސް ގޮވާލާފައި ވެއެވެ.

އިއްޔެގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި 400 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ހަމަލާތަކުގައި ލަންކާގައި ދިރިއުޅޭ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.