އެކްސިޑެންޓަކާ ގުޅިގެން ޕިކަޕް ޑްރައިވަރެއްގެ ލައިސަންސް 2 އަހަރު ދުވަހަށް ފުލުހުން ހިފަހައްޓައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެ އެކްސިޑެންޓް ހިނގާފައި ވަނީ އަމީނީ މަގުގައި ޕިކަޕެއް ޕާކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ޕިކަޕް ޕާކް ކުރަން ފަހަތައް ޖައްސާލި ވަގުތު، އައމީނީމަގުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ފައި ވާކަމަށެވެ. އަދި ޕިކަޕް ކުރިއަށް ދުއްވާލުމުގެ ސަބަބުން އެ މަގުގައި ޕާކް ކޮށްފައި އޮތް ކާރެއްގައި ޖެހިފައި ވާކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން އެ ޕިކްޕްގެ ޑްރައިވަރާ މެދު ފުލުހުން ފިޔަވަޅު އަޅާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

އެގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި އުޅަނދު ދުއްވި މީހެއްގެ އަދަބަކީ އެއް އަހަރާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމެވެ.