ފެބުރުއަރީ 22 ވަނަ ދުވަހު ޑިންގީއެއް ބަންޑުން ޖަހާލައިގެން، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލައިގައި، ޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލް ތަހުގީގުގައި ދެއްކި ބައެއް ވާހަކަތައް ދިމާ ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅުންހުރި މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ޝިމާގެ މައްސަލައިގެ ތަހުގީގުގައި ފަޒީލް އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައި ވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމަކު ފަޒީލް ދެއްކި ބައެއް ވާހަކަތައް ފުލުހުން ތެދު ކޮށްފައި ވެއެވެ. އެގޮތުން ކުރިން އޭނާ ތަހުގީގުގައި ބުނެފައި ވާފަދައިން ޝިމާ ރޯގާ ޖެހިގެން ގަމު ހޮސްޕިޓަލަށް ދައްކާފައި ވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި ޑިންގީ ބަންޑުން ޖަހާލި ސަރަހައްދަށް ސިކްސް ސެންސެސް ރިސޯޓުގެ ލައިޓުތައް ސާފުކޮށް ފެންނަން ހުރެއެވެ. އެކަމަކު ފަޒީލް އެ ރިސޯޓަށް ފަތާފައި ގޮސްފައިވަނީ އެންމެ ކައިރިން ދެވެން އޮތް ގޮތަށް ނޫން ކަމަށް ފުލުހުން ބުނެއެވެ.
މައްސަލައިގައި ފުލުހުން ނަގާފައިވާ އިންޓަވިއުތަކުގެ އެނަލިސިސް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވާކަމަށް ވެސް ފުލުހުން މިއަދު ބުނެފައިވެއެވެ. ފުލުހުން ބުނީ ބިހޭވިއަރަލް އެނަލިސިސް ހެދޭނެ ގޮތެއް ރާއްޖޭގައި މިވަގުތު ނެތްކަމަށެވެ. އެހެން ކަމުން މީހުންގެ މޫނުމަތީގެ އެކްސްޕްރެޝަން ދެނެގަންނަން ހަދާ އެ އެނަލިސިސް ހެދުމަށް އިންޓަވިއުތަކުގެ ރެކޯޑިން ބޭރަށް ފޮނުވައިގެން އޭގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އަދި އެކަމުގައި ޕްރޮފެސާ ހަސަން އުގެއިލްގެ އެހީތެރިކަން ލިބިފައި ވާކަން ފުލުހުން ފާހަގަ ކޮށްފައި ވެއެވެ.
ޝިމާ ގެއްލުނު ހާދިސާ ހިނގާފައިވަނީ ވަކިމީހެއްގެ ސަބަބުން ކަމަށް އަދި ބުނެވެން ނެތް ކަމަށް ފުލުހުން ބުނެއެވެ. އެކަމަކު ޑިންގީގައި ދަތުރު ކުރި އިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަން ފައިރޫޝް ގެ ވާހަކައިގާ ފާހަގަ ކުރެއްވިއެވެ.
" ތަހުގީގުގަ ކަނޑައެޅިގެން ވަކި މީހެއްގެ އަމަލަކުން ހިނގި ކަމެކޭ ދަންނަވަން މި ވަގުތައް ބޭނުންނުވޭ. އެހެން ނަމަވެސް ގަބޫލުކުރެވޭ ބައެއް ގަބޫލު ކުރެވުން ތައް އެބަހުރި. އެއީ މޫސުމަށް ނުބަލާ އެކަށިގެންވާ ސަލާމަތީ ކަންކަން ހަމަނުކޮށް މޫސުން ގޯސް ދުވަހެއްގަ ފަތަންނޭނގޭ ކަން އެނގޭ މީހަކު ގޮވައިގެން ކަނޑުމައްޗަށް ފަޒީލް ނުކުތް ނުކުތުން އޭގެ މައްޗަށް ބިނާކޮށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މިދަނީ ކުރަމުން" ފައިރޫޝް ވިދާޅުވިއެވެ.
މިހާތަނަށް މި ހާދިސާއާ ގުޅިގެން 46 މީހަކާއި ސުވާލުކޮށްފައި ވާއިރު 10 މޭލު ވައިގެމަގުން އެ ސަރަހައްދު ބަލާފައިވެއެވެ. އަދި ކަނޑުގެ ސަރަހައްދު ބަލާ ޝިމާގެ ހަށިގަނޑު ނުވަތަ މިހާދިސާއާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނޭތޯ ފަސް ޑައިވްކޮށްފައި ވެއެވެ. މިހާތަނަށް 17 ރަށެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި 1900 ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.