ދައުލަތުގެ އާމްދަނީއަށް އަސަރުކުރާނެ ފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދައުލަތުގެ އޮފީސްތަކުން އަމަލުކުރަންޖެހޭ ގޮތް މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން، ދައުލަތަށް ފައިސާ ދައްކަންޖެހޭ ގޮތަށް ދައުލަތުގެ އެގްރީމެންޓެއްގެ ދަށުން ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން އެގްރިމަންޓަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން އެ އެގްރީމަންޓްގެ ދަށުން ދައުލަތަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތްތޯ ބަލަންވާނެ ކަމަށެވެ. އަދި އެއްވެސް ފައިސާއެއް ދައްކަންޖެހޭނަމަ އެގްރީމަންޓްގެ ބައިވެރިން އެއްބަސްވާ ގޮތެއްގެ މަތިން އެ ފައިސާ ދައުލަތަށް ދައްކާނެ ގޮތްތަކެއް ހަމަޖައްސަންވާނެ ކަމަށްވެސް މި ސާކިއުލާގައި ވެއެވެ.
އަދި މިފަދަ އެގްރީމެންޓަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ، އެ ބަދަލު ގެނައި އޮފީހަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިޔުމަކުން އަންގަންވާނެ ކަމަށްވެސް މި ސާކިއުލާގައި ވެއެވެ. އެގޮތުން އޮފީހަކުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ދައްކަންޖެހޭ ފައިސާއާކާ ގުޅޭގޮތުން ގަވާއިދަކަށް ބަދަލެއް ގެނައުމުގެ ކުރިން، އެ ބަދަލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކޮށްފާނެ އަސަރަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދުމަށްވެސް ފިނޭންސް މިނިސްޓްރީން އެދެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ގާނޫނެއް ނުވަތަ ގަވާއިދެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާ ހިނދަކު، އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސެއް ދިނުމާއި، އައުކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރިއެއް ހިންގާ ފަރާތް ނަދަލުކުރުމާއި، މިނޫންވެސް ދައުލަތުގެ އޮފީހަކުން ދޭން ޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތްތޯ މީރާއިން ލިޔުމުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ސާކިއުލާ ނެރެ ތާރީހުން ފެށިގެން އެ މިނިސްޓްރީގެ ނަންބަރު 2011/07 ސާކިއުލާ ބާތިލުވާނެކަމަށެވެ.