މަސްވެރިކަމުގެ ގިނަ ކަންތައްތަކެއް ހަނިވާގޮތަށް މަޖިލީހަށް ހުށަހަޅާފައި އޮތް މަސްވެރިކަމުގެ ބިލު ހުށަހެޅި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްލާހު ކުރުމަށް އެ ބިލު އަނބުރާ ގެންގޮސްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 14 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ބިލު އަނބުރާ ގެންގޮސްފައިވާކަން އިއުލާނު ކުރައްވާފައެވެ. އެ ބިލު ހުށަހެޅި މެންބަރުގެ އެދިވަޑައިގަތުމުން އެ ބިލު އިސްލާހުކުރުމަށް ގެންދަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެ ބިލުގައި ވާގޮތުން އެ ބިލު ގާނޫނަކަށްވުމުން ކުޅިވަރުގެ ބޭނުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްރޭސް ފަދަ މުބާރާތްތައް ބޭއްވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ. އަދި މިނިސްޓްރީގެ ހުއްދައަކާ ނުލައި ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މަސްވެރިކަން ކުރުމަށް ދިވެހިންނަށް އަދި ބޭރުގެ ފަރާތްތަކަށް ވެސް ހުއްދަދީ ލައިސަންސް ދޫކުރެވޭނީ ފީއެއް ދައްކައިގެން ކަމަށާއި އަދި އެ ފީ ކަނޑައަޅާނީ މިނިސްޓްރީ އިން ހަދާ ގަވާއިދަކުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަން ކުރަން މިނިސްޓްރީން ދޫކުރާ ސައްހަ ލިޔުމެއް އޮވެ، ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ގަރާރުތަކާ ހިލާފު ނުވާގޮތަށް މަސްވެރިކަން ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
މި ބިލާމެދު އާންމުންނާއި ގިނަ މަސްވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އާންމުންގެ ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ބިގޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިކަމަށް ލޯބިކުރައްވާ މީހުންނަށް ގޮންޖަހާފަދަ ބިލެއް ހުށަހަޅާ މީހަކަށް އޭނާ ނުވާނެ ކަމަށެވެ.