އުރީދޫ މޯލްޑިވްސް އިން ވަނީ މިރޭ 23:29 އާ ހަމަޔަށް ރާއްޖެއިން ލަންކާއަށް ގުޅޭނެ އަގު މިނެޓަކު 1 ރުފިޔާއަށް ހެޔޮކޮށްފައެވެ. އަދި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް މިއަގުގައި ލަންކާއަށް ގުޅޭނެކަމަށް އުރީދޫން ބުނެއެވެ.

ސްރީލަންކާގައި މިހާރު ހިނގަމުން މިދާ ބޮން ގޮއްވުމުގެ ހާދިސާތަކާ ގުޅިގެން، ދިވެހި ރާއްޖެއިން ލަންކާއަށް ގުޅޭ އަގު ވަނީ ހެޔޮކޮށްފައެވެ. އުރީދޫން ބުނީ، ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ ގައުމެއްކަމުން ރާއްޖޭގެ ރައްޔިތުންނަށް، ލަންކާގައި ތިބި ގާތްތިމާގެ މީހުންނަށް ގުޅައިގެން ފަސޭހަކަމާއެކު އެމީހުންގެ ހާލު އޮޅުން ފިލުވޭނެ ގޮތް ހަދައިދިނުމުގެ މަގްސަދުގައި ކަމަށެވެ.

އުރީދޫގެ ހެޔޮ ދުއާތައް މި ހާދިސާގައި އަސަރުކޮށްފައިވާ އެންމެނާ އެކު ވާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ސްރީލަންކާގައި ބޮމުގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދީފައިވާ އިރު މިހާތަނަށް 160 މީހުން މަރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޮމުގެ ހަމަލާ ދީފައިވަނީ 3 ޗާޗެއްގެ އިތުރުން 3 ހޮޓަލެއްގައެވެ. އެގޮތުން ހަމަލާ ދީފާއިވާ ތަންތަނަކީ ކޮޗިކަޑަ ޗާޗް، ކަޓުއަޕިޓިއާ ޗާޗް، ބައްޓިކަލޯ ޗާޗްގެ އިތުރުން ކިންގްސްބެރީ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް އަދި ޝަންގްރިލާ ހޮޓެލް ކަމަށް މީޑިއާތަކުން ބުނެއެވެ.