ރ. އަލިފުށީ ގެއަކުން ވަގަށް ނަގާފައިވާ އެޕްލް ގަޑިއަކާއި 13500 ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ، ރޭ 8:27 އަލިފުށީ ގެއަކުން 19000 ރުފިޔާގެ ފައިސާ އާއި އެޕްލް ގަޑިއެއް ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ރޭ ފުލުހުން ވަނީ ވަގަށް ނެގި ފައިސާގެ ތެރެއިން 13500 ރުފިޔާގެ ފައިސާއާއި އެޕަލް ގަޑި ހޯދާފައެވެ. އަދި އެ މައްސަަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ފައިސާ ފުލުހުން ހޯދާފައި ވަނީ، ހައްޔަރުކުރި މީހާ މަސައްކަތް ކުރާ ތަނުގެ ކައިރީގައި ފޮރުވާފައި ވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އެ ތަނަކީ ފައިބަރު މަސައްކަތް ކުރާތަނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އަދި 5500 ރުފިޔާ ހޯދިފައި ނުވާއިރު ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.