"ގޭގަ އޮތްނަމަ ނުވާނެ!" މި ބަހަކީ މިހާރު ޒަމާނީ ހަރުބަހަކަށް ވެފައިވާ ބަހެކެވެ. ގޭގަ އޮތް ނަމަ ކޮންކަމެއް ނުވާ ވާހަކަ ހެއްޔެވެ؟ މިދައްކަނީ ރޭޕްގެ ވާހަކައެވެ. އަނިޔާގެ ވާހަކައެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އަންހެން ކުއްޖަކު ރޭޕް ކުރި ވާހަކަ އަޑު އިވިއްޖެނަމަ އެންމެ ފުރަތަމަވެސް ބައެއް މީހުންގެ ދުލަށް އަންނަ ސުވާލަކީ "ގޭގަ އޮއްވާތަ ކުރީ؟" ނޭނގި ނަމަވެސް ކުށްވެރި މިކުރެވެނީ އަންހެން ކުއްޖާއެވެ. އަނިޔާ ލިބުނު ކުއްޖާއެވެ. އަނިޔާ ލިބުނީ އެކުއްޖާ ބޭރަށް ދިޔައީތީއެވެ. މި ބުނެވެނީ އަންހެނުންނަކީ ނުވަތަ އަންހެން ކުދިންނަކީ ގޭގައި ތިބެންޖެހޭ ބައެއް ކަމަށެވެ. ލާން ޖެހެނީ ވަކި ކަހަލަ ހެދުމެއް ކަމަށެވެ. ދައްކަން ޖެހެނީ ވަކި ކަހަލަ ވާހަކަ އެއް ކަމަށެވެ. އަމިއްލަ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނެތް ކަމަށެވެ. އޭނައަށް ލިބުނު އަނިޔާ އަކީ އޭނާ ކުރި ކުށަކުން ލިބުނު އަނިޔާ ކަމަށެވެ. އަންހެން ކުއްޖާ ލާރި ހޯދަން ކުރިކަމެކޭ ވެސް ބުނާ މީހުން މަދެއް ނޫނެވެ. މިއީ ރަނގަޅު ވިސްނުމެއްތޯއެވެ؟ ނުވަތަ ބަދަލު ކުރަން ޖެހިފައި އޮތް އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތުތޯއެވެ؟

ރޭޕްގެ މައްސަލަތައް އަދި ޖިންސީ ފުރައްސާރައަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އާންމުވެފައިވާ ކަމެކެވެ. މިސާލު ނެގޭނެ ކިތަންމެ މައްސަލައެއް އެބަހުއްޓެވެ. އަސަރާ އެކު ކިޔައިދޭނެ އެތައް ވާހަކައެއް އެބަ ހުއްޓެވެ. އަޑުއަހާނެ މީހެއް، އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ އެއްވެސް މީހެއް ނެތި، އެކަނިމާ އެކަނި މިފަދަ އަނިޔާ ތަހައްމަލު ކުރާ އެތައްބައެއް އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުގައި އެބައުޅެއެވެ. ނަމަވެސް މިއީ ކަން ހިނގަން ޖެހޭ ގޮތްތޯއެވެ؟ މިކުޑަކުޑަ ރާއްޖޭގައި ފަސް ލައްކައާ ގާތްކުރާ އާބާދީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ ކޮންމެވެސް ކަހަލަ އަނިޔާއެއް ތަހައްމަލު ކުރާ މީހެކެވެ. އެއީ ގެވެށި އަނިޔާއަށް ވިޔަސްއެވެ.

އެކަމަކު، ގޭގަ އޮތްނަމަ ހަމަ ނުވާނެހެއްޔެވެ؟ ނޫނެކެވެ. ގޭގަ އޮތަސް ވާނެކަމެއް ވާނެއެވެ. މައްސަލައަކީ އަނިޔާ ލިބޭ މީހާއެއް ނޫނެވެ. މައްސަލައަކީ މުޖުތަމައުގެ ވިސްނުމެވެ. ރޭޕް ފަދަ އަމަލުތައް ހުއްޓުވުމަށް މުޖުތަމައުން އެއްބާރުލުން ނުދިނުމެވެ. މިފަދަ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު ސޯޝަލް މީޑިއާގައި އަޑުގަދަ ކޮށް އެއީ ކޮށްގެން ނުވާނެ ކަމެކޭ ބުނެ ހަފްތާއަކުން އެވާހަކަ ހަނދާން ނައްތާލުމުން އަދި ހުރިހާ ކަމެއް ހަމަވީއެއް ނޫނެވެ. ބަދަލުކުރަންވީ މުޖުތަމައުގެ ވިސްނުމެވެ. ކުއްޖާ ހެދުން އަޅާ ގޮތެއް ނޫނެވެ. އެއްބާރުލުން ދޭންވީ މިފަދަ ކަންތައް ހުއްޓުވުމަށެވެ. ކުށްވެރިޔާގެ އަދަބު ކުޑަކުރުމަކަށް ނޫނެވެ. ހޯދައި ދޭންވީ އަންހެނުންގެ ހައްގެވެ. އެކަނި ބޭރަށް ނިކުމެ، މަޖާކޮށް އުޅެވޭނެ މުޖުތަމައެއް ބިނާކުރުމެވެ. ގޭގަ އޮތްނަމަ ނުވާނެ އޭ ބުނާ ބުނުން ވީ ނައްތާލާށެވެ.

ގޭގަ އޮތްނަމަ ނުވާނެ ނަމަ ގެވެށި އަނިޔާ ލިބެނީ ކީއްވެ؟

ގެވެށި އަނިޔާއަކީ ކޮންމެ ފަސް އަނެހެނަކުން އެކަކު ކުރިމަތިލާ ކަމެކެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ އާބާދީގައި މިހާ ގިނަ މީހުން ގެވެށި އަނިޔާ ތަހައްމަލު ކުރާ އިރު، އަޅުގަނޑުމެންނަށް މިކަން ހުއްޓުވުމަށް މި ކުރެވެނީ ކޮންކަމެއްތޯއެވެ. ބުނެވެނީ ރައްޓެހި ވެގެން އުޅޭ ކުއްޖާ، ފިރިމީހާ ނުވަތަ ކުރިން އިނދެގެން އުޅުނު މީހާގެ ފަރާތުން މިފަދަ އަނިޔާތައް ލިބެން ފެށުމުން ދުރުވާށޭއެވެ. ހަމަ ބުނެލާ ބަހެއް ފަދަ ފަސޭހަކަމެއް ކަމަށް ހީކޮށެވެ. މީ ހަމަ އެހާ ފަސޭހަ ކަމެއްތޯއެވެ. އަނިޔާއެއް ތަހައްމަލު ކޮށްފައި ހުރި މީހަކަށް އެނގޭނެއެވެ. ކިތަންމެ ހިތްވަރުގަދަ މީހަކަސް ހަމަ ބުނެލާ ބަހެއް ފަދައިން މީހަކާ ދުރެއް ނުވެވޭނެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން، ގެވެށި އަނިޔާ ތަހައްމަލު ކުރާ މީހަކަށް އަނިޔާއާ ދުރަށް ދެވެނީ ހިތްވަރު އެލުވާ ނުލާ މަދުވެގެން ހަތްފަހަރު މަސައްކަތް ކޮށްގެންނެވެ. އަނިޔާއޭ މިބުނަނީ ހަމައެކަނި ޖިސްމާނީ ގޮތުން ދޭ އަނިޔާއަކަށް ނޫނެވެ. ނަފްސާނީ ގޮތުން ދޭ އަނިޔާއަކީ އޭގެ ޒާތުގައި މާބޮޑު އަނިޔާއެކެވެ. މީހާގެ ހަށިގަނޑުން އަނިޔާ ފެންނަން ނެތަސް، ނަފްސާނީ ގޮތުން ދޭ އަނިޔާއަކީ މާ ގިނަ ދުވަހަށް އޭގެ އަސަރު ހުންނާނެ އެއްޗެކެވެ. އޭގެ ސަބަބުން ތިބާގެ މުޅި ދިރިއުޅުން ހަލާކުކޮށްލާނެ ފަދަ އެއްޗެކެވެ.

އަނިޔާ ލިބެނީ ކީއްވެ؟ އަދި ކުރިން ދެނެގަންނާނީ ކިހިނެތް؟

ގިނަފަހަރު ތިމާގެ ސަބަބުން މީހަކަށް އަނިޔާއެއް ދެވެނީވެސް ތިމާ އަމިއްލައަށް މިފަދަ އަނިޔާއެއް ތަހައްމަލު ކުރީތީއެވެ. ނަފްސާނީ ގޮތުން ތިމާގެ ސިކުނޑީގައި ތިމާ އެހެން މީހަކަށް އަނިޔާ ނުކޮށް، އެމީހަކު ކޮންޓްރޯލް ނުކޮށް އުޅެން އުޅެފިނަމަ އެމީހަކު ތިމާ ދޫކޮށް އެކަނިކޮށް ދޫކޮށްލާފައި ހިނގައިދާނެ ކަމަށް ހީވުމުންނެވެ. އާންމު ގޮތެއްގައި އަނިޔާކުރާ މީހުން އަމަލު ކުރަނީ އެއްގޮތަކަށެވެ. ނުވަތަ އެއް 'ސައިކަލް' އެއްގައެވެ. އެއީ އޭނަގެ އަންހެނުންނަށް، ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ނުވަތަ އެހެން މީހަކަށް އަނިޔާ ކުރުމަށް ފަހު އެކަމާ ދެރަވެ ހިތާމަކުރާ ކަމަށް ދައްކައި، އެކަން ފޮރުވުމަށް އަނިޔާ ލިބޭ މީހާ ހިތް ރުހޭހާ ކަމެއް ކޮށްގެނެވެ. އެމީހުން އަބަދުވެސް އަނިޔާލިބޭ މީހާގެ ފަރާތުން ކުށެއް ފެނޭތޯ ބަލާނެއެވެ. އެހެން މީހުން ކަންތައް ކުރަން ޖެހޭނީ އެމީހުން ބޭނުންވާ ގޮތަށެވެ. ހުރިހާ ކަމެއް އެމީހުންގެ ބާރުގެ ދަށަށް ނުވަތަ ކޮންޓްރޯލްގެ ދަށަށް ގެންނަން އެމީހުން މަސައްކަތް ކުރާނެއެވެ. އެމީހުންގެ އެދުންތައް ނުފުއްދޭ ހިސާބަކީ އަނިޔާ ދިނުމަށް ފަށާ ހިސާބެވެ. ތިބާ އިނދެގެން މިއުޅެނީ، ރައްޓެހިވެގެން މިއުޅެނީ އަނިޔާ ވެރިއެއްކަން ކުރިން ދެނެގަންނާނެ ގޮތްތައް ވެއެވެ. އެގޮތުން، މީހުންގެ ކުރިމަތީގައި ތިބާގެ އަގު ވައްޓާލައި، ތިބާއަކީ އެއްވެސް އަގެއް ނެތް މީހެއްގެ ގޮތުގައި ދެއްކުމަކީ އޭނާ ހިތްހަމަ ޖެހޭ ކަމަކަށް ވާނެއެވެ. ތިބާގެ އުފާތަކާއި ހިތްހަމަޖެހުން އަދި ކުރިއެރުން ތަކަށް ހުރަސް އެޅުމަކީ އޭނާ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ތިބާގެ އިހުސާސްތައް އެއްވެސް މީހަކަށް ހިއްސާ ނުކުރުމަށް އޭނާ ބިރު ދައްކާނެއެވެ. އަދި ތިބާއަކީ އެކަނިވެރިއަކަށް ހަދާނެއެވެ. އަދި އޭނާ އަކީ އެންމެ މާތް މީހާ ކަމަށް ހެދި، އޭނާ ހިތް ރުހޭހާ ގޮތަކަށް ތިބާގެ އަމަލުތައް ބަހައްޓަން މަޖުބޫރު ކުރުވާނެއެވެ.