ބޮކްސާތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ވައިގެމަގުން ގދ. ކާޑެއްދޫ އަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެންދުނު 10:00 ހާއިރު ކާޑެއްދޫ އެއާޕޯޓުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މި މީހާ ހައްޔަރު ކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ގދ.ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ކާޑެއްދޫ އެއާޕޯޓުން އެ މީހާ ހުއްޓުވައި، ބަލައި ފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުނުކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބޮކްސާތެރެއިން ފެނުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ކެޕްސޫލާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ކަމަށްވެސް ފުލުހުން ބުނެއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިފަހަކަށް އައިސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަކީ މިހާރު ރާއްޖޭގައި ވަރަށް އާންމުކަމެކެވެ. އަދި ފުލުހުން ދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކޮށް އެތައް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.