ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ އަލުން މުރާޖާއާ ކުރެއްވުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ހުޅު ހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މޫސާ މަނިކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގައި ހިނގައި ދިޔަ ސިޔާސީ އޮއިވަރުގެ ތެރޭގައި ރާއްޖޭގައި ތިބި ސިޔާސީ ވަރަށް ގިނަ މީހުންނަށް ނުހައްގުން އަދަބު ދިންކަމުގެ ވާހަކަތައް ދައްކާ ވަރަށް ގިނަ މީހުންތަކެއް ހައްޔަރުކޮށް، ސަރުކާރު ބަދަލުވުމާއެކު އެ ހުރިހާ މީހުން ކުރި ކަންތައްތައް ކޯޓުތަކުން ނިއުޅާ ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި ކަންތައްތަކަކީ ނުހައްގުން ކޮށްފައިވާ ކަންތައްތަކެއް ކަމަށް މި ސަރުކާރުން ބުނަމުންދާ އިރު، އަދީބުގެ މައްސަލައަކީ ޔާމީންގެ ސަރުކާރުން ކުރި ހަމައެކަނި ރަނގަޅު ކަންތައްތޯ ވިދާޅުވެ މޫސަ ސުވާލު އުފެއްދެވިއެވެ.
"ކުރީގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް އަދީބަކީ ވެސް. އަޅުގަނޑުގެ މާ ބޮޑު ގާތް ރައްޓެއްސެއް ވެސް ނޫން. އެހެންނަަމަވެސް ދަންނަވަން. އަހުމަދު އަދީބުގެ މައްސަލަ އެކަނިތޯ ރައީސް ޔާމީނާއި ސަރުކާރުން ކުރި ކަންތައްތަކުގައި ނުބައި ކަމަށް ކުރެވިފައި އޮތީ. އިންސާފުން ކޯޓުން ކުރެވިފައި އޮތީ. މި ރާއްޖޭގައި ނައިބުރައީސްކަން ކޮށްފައި ހުރިއްޔާ އެންމެނާ ދޭތެރޭގައި ހަމަ ހަމަ އުސޫލެއް ގެންގުޅުއްވާށޭ. އަހުމަދު އަދީބުގެ މައްސަލައެއް އޮތްކަމުގައިވާ ނަމަ، އަލުން މުރާޖާ ކުރައްވާށޭ" މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދީބުގެ މައްސަލަ މުރާޖާ ނުކުރެއްވޭނަމަ ރައީސް ޔާމީން ކުރިން ކުރައްވާފައިހުރި ހުރިހާ ކަމަކީ ނުވަތަ އެއިރު ފަނޑިޔާރުގެއިން ކުރެއްވި ހުރިހާ ކަމަކީ ރަނގަޅު ކަންކަން ކަމަށެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ އެހެންކަމުގައި ވާނަމަ އެންމެން ވެސް ތިބެންޖެހޭނީ ޖަލުގައި ކަމަށެވެ.
"އެހެން ނޫނީ ކޮބައިތޯ އިންސާފް. އެކަމަކު މިއަދު ހުރިހާ މީހުން ހުރިހާ ކަމެއް ކޮށްފައި ގެެނެސް އެކަތިފަހަރު ބޮޑިވަރަކަށް އެންމެ މީހެއްގެ ބޮލަށް ޖަހާފައި އެންމެން ރީތިކޮށް. އެންމެފަހުން އެންމެ ބާރަށް އިދިކޮޅު މީހުން ގޮވީ ރައީސް ޔާމީންގެ ވާހަކަ. އެބޭފުޅާ ވެސް ހުންނެވީ ދޫކުރައްވާފައި. މިހެންވީމަ ނައިބު ރައީސެއްގެ ވާހަކަ މިތަނުގައި ދެކެވިގެން ދިޔާމަ. އެއީ ރާއްޖޭގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް. ކިތައްމެ ހަގަސް ކިތައްމެ ކުޑައަސް. އިންސާފު އޮންނަން ޖެހޭނީ އިންސާފަށް. އިސްތިއުނާފު ކުރީކީ ވެސް ނޫން. ބަލިވެގެން ބޭހަކަށް ފޮނުވައިދިނީކީ ނޫން" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީން ހޯދި ސުޕަ މެޖޯރިޓީއަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ އިންސާފު ދޭން ބޭނުންވާ މީހުން، ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައި ތިބި މީހުންނަށް އަދި ވަކި ބަޔަކަށް ވަކި ގޮތެއް ހަދާފައި އެވާހަކަ ދައްކާއިރު އިންސާފު ހޯދޭނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. މޫސަ މިހެން ވިދާޅުވެފައި ވަނީ ނައިބު ރައީސްކަން ކުރެއްވި މީހަކަށް އިނާޔަތާއި ރައްކާތެރިކަން ދެވޭނީ ޖިނާއީ ކުށެއް ކޮށްފައި ނުވާ މީހަކަށް ވާން ޖެހޭކަމަށް ބުނެފައި ވުމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންނެވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި އިތުރު އެހެނިހެން މައްސަލަތަކެއްގައި އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.