މެޑަމްކަމާއި ހަސްބެންޑް ކަން އޮވެގެން ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނުހިންގޭނެ ކަަމަށާއި، އެކަން ކުރެވޭނީ އާއިލީ މުސީބާތުން މިންޖުވެގެން ކަމަށް ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ މޫސާ ވިދާޅުވީ އަޅުގަނޑުމެން މި ތިއްބެވީ ހަކުރާ ގަނޑުވަރުގައި ކަމަށާއި، މިއަދު ފެނިވަޑައިގަންނަވަނީ ތިން ބާރު އެކުވެގެން ދާ މަންޒަރު ކަމަށެވެ. އަދި ރާއްޖޭގައި ދެން ފެށިގެން ދާނީ ރަސްކަމެއް ކަމަށާއި، އިދިކޮޅު ޕާޓީއެއް މި ރާއްޖޭގައި ބޭއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މޫސަ ވިދާޅުވީ ރާއްޖޭގައި ރަނގަޅަށް މަސައްކަތް ކުރާ އިދިކޮޅު ޕާޓީއެއް ނެތިގެން އުޅެނީ ޕާޓީތަކުގެ ތެރޭގައި އާއިލީ ނުފޫޒު އޮތުމުގެ ސަބަބުން ކަމަށެވެ.

"މިހާތަނަށް އިދިކޮޅު ޕާޓިއެއް އުފެދިފައި ހުރީ ދެބައިން، ދެމަފިރިން، ދެ ޅިޔަނުން، ހިތާވެގެން އުޅޭ ދެމީހުން. އެކަކަށް ރައީސްކަން އަނެކަަކަށް މިނިސްޓަރުކަން. އެކަކަށް މަޖިލީހުގެ ރައީސްކަން އަނެކަކަށް ރައީސުލްޖުމްހޫރިއްޔާ ކަން. އެކަކަށް މެޑަމްކަން އަނެކަކަށް ހަސްބެންޑްކަން. މިކަހަލަ ގޮތަކަށް އުފެދިގެން މިއުޅެނީ. ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ބާއްވަން ބޭނުމިއްޔާ، އިދިކޮޅު ޕާޓީ އުފައްދަން ބޭނުންވާ މީހުން އާއިލީ މުސީބާތާއި ބަލާވެރިކަމުން މިންޖުކޮށްގެން މި ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ހިންގަން އެބަޖެހޭ" މޫސަ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވިގޮތަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ ރާއްޖޭގައި ވަރަށް ވަރުގަދަ ވިރާސީ ރަސްކަމެއް ހިނގަމުންދިޔަ ދުވަސް ވަރެއްގައި، ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އެމްޑީޕީން ނުކުމެ އެ ވެރިކަން ބަދަލުކޮށްފައިވާ ކަމަށެވެ. އެމްޑީޕީއަކީ މައުމޫންގެ ފަހު ދައުރުގައި ރާއްޖޭގައި އޮތް ހަމަ އެކަނި ޕާޓީ އަދި އިދިކޮޅު ޕާޓީއެވެ.

"މިއަދު އަނގަ ފުޅާކޮށްފައި އެވާހަކަ ދެއްކިޔަސް މި މަޖިލީހުގެ ތެރޭގައި ހަތަރު މީހުން ތިބެގެން އެކަން ކޮށްގެން އޮންނާނީ 2008 ގައި ރައީސް މައުމޫންގެ ވެރިކަން ބަދަލުކޮށް ގާނޫނު އަސާސީގައި މިހާރު އެބުނާ ކަންތައްތައް ގެނެސްފައި" މޫސަ ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު އޮތް ޕީޕީއެމްގެ ހިންގުން ދޯދިޔާވެ، ޕާޓީގެ ލީޑާޝިޕް އިސްތިއުފާ ދިނުމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވަނީ ދާދިފަހުން ގޮވާލައްވާފައެވެ. އަދި މަޖިލިސް އިންތިހާބުގައި ޕާޓީއަށް ނާކާމިޔާބު ލިބުނީ ޕާޓީގެ ދޯހަޅިކަމުން ކަމަށް ޕީޕީއެމަށް ނިސްބަތްވާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މީގެ އިތުރުން ސަޕޯޓަރުން އެދިވަޑައިގަންނަވާނަމަ ޕާޓީގެ ކަންކަމުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރަައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.