ދިރާގުގެ 30 ވަނަ އަހަރީ އިނާމް ދިނުމުގެ ހަފްލާގައި އެ ކުންފުނީގެ 78 މުވައްޒަފަކަށް އިނާމު ދީފިއެވެ.

ދަރުބާރުގޭގައި ރޭ ދިރާގުން ބޭއްވި މި ހަފްލާއިގައި ދީފައިވާ އެވޯޑްތަކަކީ ލޯންގްސާވިސް އެވޯޑް، އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިން ލީޑާ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް, އަދި ސްޕެޝަލް މެރިޓް އެވޯޑެވެ. އޭގެ އިތުރުން މި ހަފްލާގެ އެންމެ ޝަރަފްވެރި އިނާމެއްގެ ގޮތުން ޗެއާޕާސަންސް އެވޯޑް ދީފައިވެއެވެ. މި އިނާމް ހާސިލްކޮށްފައި ވަނީ އެސިސްޓެންޓް މެނޭޖާ ލީގަލް އެންޑް ރެގިއުލޭޓަރީ ފާތިމަތް ޝޫޒީއެވެ. މީގެ އިތުރުން އައުޓްސްޓޭންޑިން ލީޑާ އެވޯޑް ކާމިޔާބު ކޮށްފައި ވަނީ މެނޭޖާ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖާ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝާނެވެ.

ދިރާގުން ބުނީ މިފަދަ ހަފްލާއެއް ކޮންމެ އަހަރަކު، ބޭއްވުމުގެ މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގު ވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ. އަދި ދިރާގުގެ އަހަރީ އިނާމުގެ އިތުރުންވެސް ގިނަ މަސަތްކަތްތަކެއް ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރާ ކަމަށާއި، މުވައްޒަފުންގެ މަންފާ އަށާއި ކުރިއެރުމަށް ދިރާގުން އިސްކަންދޭ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ޖުމްލަ 600 އަށްވުރެ ގިނަ މުވައްޒަފުން ދިރާގުގައި މަސަތްކަތް ކުރަމުން ދާ އިރު، މީގެ ތެރެއިން 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.