ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް، ދައުލަތުގެ މީޑިއާ ޕީއެސްއެމުން 30 މިލިޔަން ރުފިޔާ ދިން މައްސަލަ އަލުން ބަލުމަށް މާލިއްޔަތު ކޮމެޓީ އިން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުގައި އެދެފިއެވެ.

އެ ފައިސާއަކީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން ބިގުން ހޯދި ހިދުމަތަށް އެ ކުންފުންނަށް ދައްކަން ޖެހުނު 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިޔަން ރުފިޔާ އެވެ.

އެމްއެންބީސީއާއި ބިގާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ 5 މިލިއަން ރުފިޔާ ނުދީ ގިނަ ދުވަސް ވުމުން ޖޫރިމަނާގެ ގޮތުގައި 72.9 މިލިއަން ރުފިޔާ އަރާފައިވެއެވެ. އެހެން ކަމުން އެކުންފުންޏަށް 78މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ވަނީ ހުކުމް ކޮށްފައެވެ. އެ ހުކުމާ ގުޅިގެން އެމްއެންބީސީގެ މާލީ ޒިންމާތައް މިހާރު ނަގަންޖެހޭ ޕީއެސްއެމް އިން 30 މިލިއަން ރުފިޔާ ބިގަށް މާޗުމަހުގައެވެ.

މާލިއްޔަތު ކޮމެޓީން މިއަދު ނިންމާފައިވަނީ، އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ)ން ފޮނުވި ސިޓީއަށް ރިއާޔަތް ކޮށް، އެ މައްސަލަ ބެލުމަށް އަލުން އޭޖީ އޮފީހަށް ފޮނުވާށެވެ.

އެ މައްސަލައިގާ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. ދެން އެ މައްސަލައިގާ އިތުރަށް ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓުންނެވެ.