މުރަނގަ މަގާއި ޝަހީދް އަލީ ހިނގުން ގުޅުނު ކަންމަތީގައި ގައި ހުރި ގެއެއްގެ ކުޑަ ދޮރު މަގުމައްޗަށް ވެއްޓިއްޖެއެވެ.

މަންޒަރު ދުށް މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދިން ގޮތުގައި ވެއްޓުނީ މ. ޕޮލްގަހަވިލާ ކިޔާ ގެއެއްގެ ކުޑަ ދޮރެވެ. އަދި މި ކުޑަދޮރު ވެއްޓި، ޖެހުނީ ސައިކަލެއްގައި ކަމަށާއި މި ސައިކަލަށް މާ ބޮޑު ގެއްލުންތަކެއް ނުވާ ކަމަށް އޭނާ ބުނެއެވެ.

މަގުމައްޗަށް ވެއްޓިފައި ވަނީ އެގޭގެ ފަސްޓް ފްލޯގެ ބެލްކަނީގައި ހުރި ބިއްލޫރި ސްލައިޑް ދޮރެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާ ހިނގާފައިވަނީ 3:21 ކަމަށް ފުލުހުން ބުނާއިރު، މިހާދިސާގައި އެއްވެސް މީހަކަށް ނުވަތަ އެއްޗަކަށް އަނިޔާ ނުވަތަ ގެއްލުމެއް ނުވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިހާރަކަށް އައިސް އުސް އިމާރާތްތަކުން އެއްޗެހި ވެއްޓުން ވަނީ އާންމު ކަމަކަށް ވެފައެވެ. އެގޮތުން މިދިޔަ މަހު މެދުތެރޭ މާފަންނުގައި އިންފިނިޓީ ބިލްޑާސް ޕްރައިވެޓް ލިމިޓެޑުން ހަދަމުންދިޔަ ގެއެއްގެ ތިންވަނަ ބުރިން ބިއްލޫރި އާއި އެލުމިނިއަމް ކުޑަދޮރެއް ވެއްޓިފައިވެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެ ކުޑަދޮރު ވެއްޓިފައިވަނީ އިމާރާތުގެ ތިންވަނަ ބުރީގައި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.