ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފިއެވެ.

މި ކަމަށްޓަކާ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ އެތަކެތި ރަސްމީކޮށް ހަވާލު ކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ހޯމް މިނިސްޓަރު ޝެއިހް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ފުލުހުން ބައިވެރިވެލެއްވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި، ފުލުހުންގެ އޮޕަރޭޝަންސް ތަކުގައާއި ޕެޓްރޯލްކުރުމުގައި ބޭނުންކުރާނެ ކަނޑު އުޅަނދާއި އެއްގަމު އުޅަނދު ހިމެނެއެވެ.