މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮންމެޕީ (އެމްޑަބްލިއުއެސްސީ) ގެ ތާޒާ ފެން އުފައްދާ މެޝިނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، ފެނުގެ ސްޓޮކް ދަށްވެ ފިހާރަތަކުން ފެން ލިބުން ދަތިވެއްޖެއެވެ.
ބައެއް ފިހާރަތަކުން ފެން ލިބުމުގައި ދަތިތަައް ދިމާވަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާ ކުރަމުންނެވެ. އަދި ބައެއް ފިހާރަތަކަށް ފެން ނުލިބި ދެ ދުވަސް ވެފައިވާއިރު، ބައެއް ފިހާރަތަކަށް ފެން ލިބެނީ ލިމިޓްކޮށްގެން ކަމަށް ވެސް ފިހާރަތުން ބުނެއެވެ.
"ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ކަންމަތީ ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުނީ، ތާޒާފެން ނުލިބިގެން މިއުޅެނީ އެމްޑަބްލިއުއެސްސީއިން ފެނުގެ ސްޓޮކް ދަށްވެފައިވާތީ ކަމަށާއި ވޭތުވެ ދިޔަ ދެތިން ދުވަހުވެސް އެ ފިހާރައަށް ލިބިފައިވަނީ ފަސް ލިޓަރުގެ ހަތް ކޭސްކަމަށެވެ. އަދި އެހެނިހެން ސައިޒުގެ ފެންވެސް ލިބެނީ މަދުން ކަމަށް އޭނާ ބުނެއެވެ.
"މިއަދުވެސް ގުޅައިގެން އެތައް ފަހަރެއްގެ މަތިން. އިއްޔެ ލިބުނީ 7 ކޭސް. ކީއްވެހޭ ސުވާލުކުރީމަ ބުނީ ސްޓޮކް ދަށްވެގެންނޭ. ފެން އަދިވެސް ނުލިބޭ. 5 ލިޓަރު އެކަނި މި ލިބުނީ ރޭގަ" ވިޔަފާރިވެރިއަކު ބުންޏެވެ.
މިވީ ދެތިން ދުވަސްތެރޭ ފެން ލިބުމުގެ ދަތިތަކެއް އުޅޭކަން ފާހަގަވެގެން އެމްޑަބްލިއުއެސްސީ އަށް ސުވާލުކުރުމުން އެފަރާތުން ބުނީ، ކުރިންވެސް ބޯ ފެން އުފައްދަމުން ދާ މިންވަރަށް ފެން އުފައްދަމުން ދާ ކަމަށެވެ. އަދި ފެންލިބުމުގައި ދަތިތަކެއް ދިމާނުވާނެކަމަށް އެކުންފުނިން ބުނިއެވެ.
އެމްޑަބްލިއުއެސްސީން މިހެން ބުނި ނަމަވެސް ތަޒާ ފެން ލިބުމުގައި މައްސަލަތަކެއް ދިމާވެފައިވަނީ ފެން އުފައްދާ މެޝިނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެފަރާތުން މިކަމާ ގުޅޭ އިތުރު މައުޅޫމާތެއް ދީފައި ނުވާއިރު އެ ތަނަށް ފެން ގަންނަން މީހުންގޮސް ކިއުގައި ޖެހިފައިވާ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ތާޒާފެން ލިބުމުގައި ދިމާވި ދަތިތަކާއެކު، ލައިފް ފެނުގެ ޑިމާންޑް ބޮޑުވެ ލައިފް ފެން ވެސް ލިބުމުގައި ވަނީ ދަތިތަކެއް ދިމާވެފައެވެ. ލައިފް އުފައްދާ އައިލެންޑް ބެވަރޭޖަސް އިން ބުނީ އެ ކުންފުނީގެ ފެން އުފައްދާ މެޝިނަށް މައްސަލަތަކެއް ކުރިމަތިވެގެން އުޅޭ ކަމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން އެ މައްސަލަ ހައްލުކޮށް ފެން ލިބުމުގައި ދިމާވި ދަތި ތަކަށް ހައްލެއް ގެނެސްދެވޭނެ ކަމަށެވެ. ތާޒާ ފެން ލިބުގައި ދަތިތަކެއް ދިމާވެފައި ވާތީ ލައިފް ފެނަށް އޮތް ޑިމާންޑް ވަނީ އިތުރުވެފައެވެ. އެހެންކަމުން މި ވީ ހަފްތާއެއްހާ ދުވަސް ތެރޭގައި އެ ކުންފުންނަށް ލިބެމުން ދާ ފެނުގެ އޯޑަރު އިތުރުވެފައިވާ ކަމަށާއި އޯޑަރުތައް ގިނަ ވުމުގެ ސަބަބުން ޑެލިވަރީ ކުރުމުގައި މިވަގުތު ދަތިތަކެއް އެބަހުރި ކަމަށް އެކުންފުނިން ބުނެއެވެ.