އަތް ނުފޯރާ ހިސާބަށް ކަންތައް ދިޔުމުގެ ކުރިން ޖާބިރު ފަދަ މީހުންގެ ހެޑްލައިން ހަދައިދިނުން މީޑިއާތަކުން ހުއްޓާލަން ޖެހޭ ކަމަށް ޝެއިހް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
އަނީލް ވިދާޅުވީ ދުލުގެ ސަބަބުން، މީހާއާ އޭނާ ވަށައިގެންވާ މީހުންނަށް މުސީބާތްތަކާއި ކުރިމަތިލާން ޖެހިފައިވާ މަންޒަރަކީ ތާރީހުން ފެންނަ ހަގީގަތެއް ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާ ބެހޭ ގޮތުން ކާށިދޫ ދާއިރާގެ އިންތިހާބީ ކެންޑިޑޭޓު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތަކަށް އަމާޒުކޮށެވެ.
މަލިކާ ބެހޭ ގޮތުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ބައެއްގެ ގޮތުގައި މަލިކު އޮއްވައި، އިންޑިއާ އިން އެ ރަށް ނަގަން ޖެހުނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ. އަދި މަލިކު މައްސަލައިގައި ރާއްޖެ އާއި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"މި އޮތް ކުޑަ ގައުމުން ބޮޑު އެއްޗެއް ގެއްލިގެން މި އުޅެނީ ކީއްތޯވީ؟ އެއްވެސް މީހަކު ޖަވާބެއް ނުދޭ، ފަހަރަކު އަތޮޅެއް މިހެން ގެއްލެން ވެއްޖިއްޔާ އަޅުގަނޑުމެން ނުތިބޭނެ ނޫންތޯ؟" ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެ އަތުން މަލިކު ގެއްލުނީ ރާއްޖެ ފަގީރުކަމުން ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މަލިކުގެ މައްސަލައިގައި ރާއްޖޭގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދު ހާޒިރު ކުރައްވައި ސުވާލު ކުރައްވާނެ ކަމަށާއި އަންނަ ޖޫން މަހު ފެށޭ 19 ވަނަ ރައްޔިތުންގެ މަޖިލިހަށް މަލިކު މައްސަލަ ގެންނާނެކަމަށެވެ. އަދި ޖާބިރު ވަނީ މަޖިލީހުގައި އެންމެ ފުރަތަމަ މަސައްކަތް ކުރައްވާނީ އިންޑިއާގެ ބައެއްގެ ގޮތުގައި މަލިކު ހަމަޖެއްސި ސަބަބު ހޯއްދަވަން ކަން ފާހަގަ ކުރައްވައި އެކަމަށް ފޮރިން މިނިސްޓަރު ތައްޔާރުވެގެން ހުރުމަށް އަންގާފައެވެ.