މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާއި އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑު ގަންނަން ލިބޭނެގޮތަށް ހަމަޖެއްސި ނަމަވެސް ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑު ވިއްކަމުން ނުދާކަމަށް އެސްޓޯއޯއިން ބުނެފިއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު މޫސާ ވިދާޅުވީ މާލެއާއި އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެޖެންޓުން މެދުވެރިކޮށް ކާޑު ވިއްކަން ނިންމި ނަމަވެސް، މިހާތަނަށް އެކަން ކުރެވެމުން ދަނީ 128 ރަށުގައި ކަމަށެވެ. އޭނާ ވިދާޅުވީ 55 ރަށެއްގައި އަދިވެސް އެޖެންޓުން ހަމަނުޖެހޭ ކަމަށާއި، އެހެންކަމުން އެރަށްރަށުގެ ވިޔަފާރިވެރިން، އިކޮނަމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ކާޑު ވިއްކަމުން ދާ ކަމަށެވެ.

"މިވަގުތުވެސް މަސައްކަތް ކުރަމުންދަނީ އެޖެންޓުން ކަނޑަނޭޅިތިބި 55 ރަށުގައި ވެސް މިކަން އެސްޓީއޯއާއި ގުޅިގެން ކުރާނެ ވިޔަފާރިވެރިން ހޯދަން. މި ރަށްރަށަށް ކުރިން ވެސް އޮޑިދޯނި ފަހަރުގައި ވިޔަފާރިވެރިން ވިއްކާ ރޭޓުގައި ވިއްކަމުން އެދަނީ. ދެން ބައެއް ރަށްރަށުގައި ތަންކޮޅެއް ބޮޑުކޮށް ވެސް ހުންނާނެ" ވާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޖެންޓުން ނަގާ ސޮއިކޮށް މިހާރު މަސައްކަތް ފެށިފައިވަނީ 128 ރަށުގައި ނަމަވެސް، ބާކީ ހުރި ރަށްރަށުގައި އެސްޓީއޯއާއި ގުޅިގެން މި މަސައްކަތް ކުރާނެ ރަނގަޅު ވިޔަފާރިވެރިން ނުލިބޭ ކަމަށެވެ. އަދި އެޖެންޓުން ކަނޑަނޭޅި މާލެއާއި އެއް އަގެއްގައި 55 ރަށަކަށް ކާޑުފޯރުކޮށް ނުދެވެނީ މި ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އެސްޓިއޯ އަކަށް ރާއްޖޭގެ ހުރިހާ ރަށަކަށް ކާޑު ގެންގޮސް ނުދެވޭނެ. އެއީ ކޮންމެ ރަށެއްގައި ވެސް އެކަން ކުރަން ވިޔަފާރިވެރިން ތިބޭ. އެބޭފުޅުންގެ ވިޔަފާރިއަށް އުނދަގޫވާނެ އެސްޓީއޯއިން އެކަންކަން ކުރަން ވެއްޖެއްޔާ. އިކޮނަމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭންޖުގައި ވިއްކުމުގެ ހުއްދަ ރަށްރަށުގެ ވިޔަފާރިވެރިންނަށް ލިބިގެންދޭ. އެހެންވީމަ މިސާލަކަށް ހއ. ށ. އަތޮޅާއި ދެމެދުގައި އެޖެންޓަކު ނެތް ނަމަ 1 ރުފިޔާ 2 ލާރި އަށް ނުވިއްކިދާނެ. އިކޮނަމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވިއްކުމުގެ އިހްތިޔާރު އެބައޮތް" ވާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެއާއި އެއް އަގެއްގައި ކާޑު ވިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބޮޑު ތަރުހީބަކާއެކުގައި ކަމަށެވެ. އަދި އެޖެންޓުން ކަނޑަ ނޭޅި ތިބި ރަށްރަށަށް އެޖެންޓުން ކަނޑައެޅުމަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ ކަމަށާއި، ތިން ބުރެއްގެ މަތިން އެޖެންޓުން ހޯދުމަށް އިއުލާން ކުރެވިއްޖެ ކަމަށެވެ. ނަމަވެސް ޝަރުތު ފުރިހަމަވާ ބަޔަކު ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަކި ރެސްޓްރިކްޝަންއެއް ވެސް ނުލަން. އަޅުގަނޑުމެން މި އެދެނީ މާލެއިން ފެށިގެން އެރަށެއްގެ ޖެޓީއާއި ހިސާބަށް ގެންދެވޭނެ އަގެއް ބުނާށޭ. އަދި މީގެ އިތުރުން ކައުންސިލްތަކާއި ވެސް ވާހަކަ ދެއްކިއްޖެ. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ކައުންސިލްތަކުން ވެސް ވިޔަފާރިވެރިންނާ ވާހަކަ ދައްކައިގެން މިކަން ފަށްޓަވާށޭ" ވާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޖެންޓުންގެ ގޮތުގައި ނަގާ އިރު ވަކި ކަންތައްތަކަކަށް ވެސް ބަލަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ސަޕްލައި ކޮށްދޭނެ އިންތިޒާމާއި، ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތަަކަށް ވުން ހިމެނޭ ކަމަށެެވެ. އަދި ބައެއް ރަށްރަށުގައި މި ކަންކަން ފުރިހަމަވާ ފަރާތްތައް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.