މާލޭގެ ގެސްޓް ހައުސެއްގައި އަންހެނަކު ރޭޕްކުރަން އުޅުމަށްފަހު ފިލި ދެމީހުންގެ ތެރެއިން އެކަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 8:00 ޖެހި އިރު ހައްޔަރު ކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި މީހާ ހައްޔަރު ކޮށްފައި ވަނީ މާލެއިން ކަމަށާއި، ފިލި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ކުރިން އުމުރުން 32 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކުރިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ 32 އަހަރުގެ މީހަކު މިނިވަން ކޮށްފައެވެ. އަދި 33 އަަހަރުގެ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ވަނީ ދީފައެވެ.

ރޭޕް ކުރަން އުޅުމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް މާފަންނު ގެސްޓް ހައުސެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު އިވިގެން އެ ގެސްޓް ހައުސަށް ވަދެއެވެ. އަދި ފުލުހުން ބެލިބެލުމުން 4 ފިރިހެނަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅެފައިިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅީގެން އެމީހުން ތިބި ކޮޓަރި ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކާއި ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.