ރޭ މާލޭ ގެސްޓް ހައުސެއްގައި އަންހެނަކު ރޭޕްކުރަން އުޅެނު މައްސައިގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލަައިފިއެވެ.

ރޭޕް ކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުުގެ ފިރިހެނެކެވެ. މި ދެމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ދޫކޮށްލި އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު 33 އަހަރުގެ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ވަނީ ފަސް ދުވަހުގެ މުއްދަތު ދީފައެވެ.

ފުލުހުން ބުނީ ރޭ 10:55 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް މާފަންނު ގެސްޓް ހައުސެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު އިވިގެން އެ ގެސްޓް ހައުސަށް ވަދެ ބަލާފައިވާ ކަަމަށެވެ. ފުލުހުން ބެލިބެލުމުން ހަތަރު ފިރިހެނަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅެފައިިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ގެސްޓް ހައުސަށް ވަތް އިރު އެ ހަތަރު މީހުންގެ ތެރެއިން ދެމީހަކު ވަނީ ފިލާފައެވެ. ނަމަވެސް ގެސްޓް ހައުސް ތެރޭ ތިބި ދެމީހުން ހައްޔަރު ކުރިއެވެ. އޭގެތެރެއިން އެކަކު ހައްޔަރު ކުރީ ގެސްޓް ހައުސްގެ ތެރެއިންނެވެ. ދެވަނަ މީހާ ހައްޔަރު ކުރީ ފުލުހުން ގެސްޓް ހައުސަށް ވަނުމުން ފިލަން އުޅުމުގެ ތެރޭގައި މަގުމަތިން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެމީހުން ތިބި ކޮޓަރި ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކާއި ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.